ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ އިގުތިސޯދީ ކާރިސާގެ އަސަރު، އެ ގައުމުގެ ސިއްހީ ނިޒާމަށް ފޯރާ، ޒަރޫރީ ސަޕްލައި ލިބުން ދަތިވެ، ބޭސް ހުސްވަމުން ދާ ޝަކުވާ، ސްރީލަންކާގެ އެކި ހިސާބުތަކުގައި ހިންގާ ހޮސްޕިޓަލުތަކުގެ ޑޮކްޓަރުން ދަނީ ކުރަމުންނެވެ.

"ދުވަހުން ދުވަހަށް ތަކެތި މި ދަނީ ހުސްވަމުން. ސުމަކަށް ވެއްޓިއްޖިއްޔާ ދެން ވާނެ ގޮތެއް އަޅުގަނޑަކަށް ނޭނގޭ" ނުތަނަވެސް ވެފައި ހުރި ޑރ ނާނާސޭކަރަމް ވިދާޅުވިއެވެ.

ސްރީލަންކާގެ އެސޯސިއޭޝަން އޮފް މެޑިކަލް ސްޕެޝަލިސްޓްސް ގެ ސެކްރެޓަރީކަން ކުރައްވަމުން އަންނަ އޮޕަރޭޝަން ޑޮކްޓަރު މިވަގުތު އަވަދިނެތި އުޅުއްވަނީ ވެރިރަށް ކޮޅުނބުގައި ހިންގާ ހޮސްޕިޓަލުތަކުން ހުސްވަމުން ދާ ބޭސްތަކުގެ ލިސްޓު އެކުލަވާލެއްވުމުގެ މަސައްކަތުގައެވެ.

ސްރީލަންކާގައި ކޮވިޑް-19އަށް ޓެސްޓު ކުރަނީ / ފައިލް ފޮޓޯ: ސްޕަޓްނިކް ނިއުސް

"ބޭސްވެރިކަމުގެ ޑްރަގާއި، ހޭނައްތަން ބޭނުން ކުރާ ބޭހުގެ އިތުރުން އެކި ގުނަވަންތައް ބަދަލު ކުރަން ބޭނުންވާ ސާމާނާއި، ފަހަން ބޭނުން ކުރާ ސާމާނުގެ ދަތިކަން ވަނީ ކުރިމަތިވެފައި. މުޅިންހެން ސްޓޮކް ހުސްވަނީ މި. މިހާރުން މިހާރަށް އެހީ ނުލިބިއްޖެނަމަ ސިއްހީ ނިޒާމު އިނދަޖެހިދާނެ" ޑރ ނާނާސޭކަރަމް ވިދާޅުވިއެވެ.

ބަލި މީހުން ބައްލަވަމުން އެ ދެމެދުން ލިބޭ ހުސްވަގުތުތަކުގައި ބައިނަލްއަގުވާމީ މީޑިއާއާ ޑރ ނާނާސޭކަރަމް ވާހަކަދައްކަވަމުން ގެންދެވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެހީ ލިބޭނެ ކަމުގެ އުއްމީދުގައި ހުންވައިގެންނެވެ.

ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ސަޕްލައި ހުސްވެއްޖެ ނަމަ ނަތީޖާ މާ ރަނގަޅު ނުވާނެ ކަމުގެ އިންޒާރު، ޑރ ނާނާސޭކަރަމް ވަނީ ދެއްވާފައެވެ.

"އެކަންވެއްޖެނަމަ، ބަލި މީހާގެ ފުރާނަ ސަލާމަތް ކުރަން ނުކުޅެދޭ ދަރަޖައަށް ކަންކަން ހިނގައިދާނެ" ޑރ ނާނާސޭކަރަމް އިންޒާރު ކުރެއްވިއެވެ.

އިގުތިސޯދީ އަދި މާލީ ހީނަރުކަމުގެ ތެރެއިން ސްރީލަންކާއިން ޒަރޫރީ ސިއްހީ ހިދުމަތްތައް ދިނުމަށް ވަނީ ދަތިވެފައި / ފައިލް ފޮޓޯ: ހަލީޖްޓައިމްސް

އެ ގައުމުގެ މިނިވަންކަމުގެ މާޒީ ނުދެކޭ ފަދަ ފުން، އިގުތިސޯދީ އަދި މާލީ ހީނަރުކަމުގެ އަނދަވަޅަކާށް ވެއްޓިފައި ވާ ސްރީލަންކާގެ ބޭސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ ސާމާނުގެ 85 ޕަސެންޓަކީ އިމްޕޯޓް ކުރާ ތަކެއްޗެވެ. ނަމަވެސް ގައުމުގެ ބޭރު ފައިސާގެ ރިޒާވް މުޅިންހެން ހުސްވެ، ޒަރޫރީ ބޭސް ލިބުންވެސް މިއަދު އެ ގައުމަށް ވަނީ ތަކުލީފަކަށް ވެފައެވެ.

ސްރީލަންކާގައި ހިންގާ އެންމެ ބޮޑު، ކުޑަކުދިންގެ ހޮސްޕިޓަލު ކަމަށް ވާ ލޭޑީ ރިޖްވޭގެ މެޑިކަލް ޑައިރެކްޓަރު، ޑރ ވިޖޭސޫރިޔާގެ އަތުގައިވެސް ލިސްޓެއް އޮތެވެ. އޭގައި ވަނީ ކޮންމެހެން ބޭނުންވާ ބޭސްތަކެއްގެ ނަންތަކެވެ. ކޮންމެ ބޭހެއްގެ އަރިމަތީގައި، ލިބެން ހުރި ބޭހެއް ކަން ނުވަތަ ނޫންކަންވެސް ފާހަގަކޮށްފައިވެއެވެ.

ހޭނައްތާ ބޭސްތަކުގެ ތެރޭގައި ހިމެނޭ އެޓަކޫރިއަމް ފަދަ ބޭހުގެ ސަޕްލައި ހުރީ ދެ މަހެއްހާ ދުވަހަށް ކަމަށް ވާއިރު، އެއަށްވުރެވެސް ސްޓޮކް ހީނަރުވެފައި ވާ ބޭސް އެބަހުއްޓެވެ. ތަދު ކަނޑުވާ ބޭހެއް ކަމަށްވާ ފެންޓަނީލްގެ ސަޕްލައި ހުރީ 2 ހަފުތާއެއްހާ ދުވަހަށް ކަމަށް ވާ އިރު، 3 ބާވަތެއްގެ އެންޓިބައޮޓިކްގެ ސްޓޮކް މިހާރު ވަނީ ހުސްވެފައެވެ.

ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި އިން ސަލާންޖަހާ މީހެއް / ފައިލް ފޮޓޯ: ފްރީޕިކް

މި ވަގުތު ޑރ ވިޖޭސޫރިޔާ މި ހީނަރުކަން ފޫބައްދަވަނީ، ބަދަލުގައި ބޭނުން ކުރެވެން ހުރި ބޭސްތައް ބޭނުން ކުރައްވައިގެންނެވެ. އޭނާގެ ޕޭޝަންޓުންގެ ބޭނުންތައް ފުދޭނެ ގޮތެއް ސަރުކާރުން ހައްދަވާދެއްވާނެ ކަމުގެ އުއްމީދު، ޑރ ވިޖޭސޫރިޔާ ނަގައެއްނުލައްވައެވެ.

ކަން މިހެން އޮތް އިރު ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނަށް ވަނީ، މީޑިއާއަށް މައުލޫމާތު ދިނުމަށް ހުރަސްތަކެއް ކުރިމަތިކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ. ސްރީލަންކާއަށް މިއަދު ކުރިމަތިވެފައި ވާ ހާލާ ބެހޭ ގޮތުން ސީދާ މީޑިއާއާ ވާހަކަދެއްކުން، ފްރަންޓްލައިން ޑޮކްޓަރުންނަށް މަނާ ކޮށްފައި ވާއިރު، ޑޮކްޓަރުންގެ އިހުސާސްތައް މީޑިއާއަށް ތިލަ ކުރަމުން ދަނީ ޔޫނިއަން މަންދޫބުންނާއި ހޮސްޕިޓަލް ޑައިރެކްޓަރުން މެދުވެރި ކުރައްވައިގެންނެވެ.

ސްރީލަންކާގެ އިގުތިސޯދީ އަދި މާލީ ކާރިސާއާ ގުޅިގެން ބަޔަކު އިހުތިޖާޖު ކުރަނީ / ފައިލް ފޮޓޯ: ޑެއިލީ ސަބާހް

ސްރީލަންކާއިން ބޭހުގެ ސަޕްލައި ހުސްވާ ކަމުގެ ވާހަކަތައް މީޑިއާއަށް ތިލަވުމާއެކު ސަރުކާރުން އެންމެ ފުރަތަމަވެސް އެރީ ދިފާއަށެވެ. ޑޮކްޓަރުން ޝަކުވާ ހުށަހަޅުއްވަމުން ގެންދެވިއިރުވެސް ސަރުކާރުން ވަނީ، ބޭސް ހުސްވާ ކަމުގެ ވާހަކަތައް ދޮގު ކުރައްވާފައެވެ.

ނަމަވެސް އޭގެ 1 ދުވަސް ފަހުން، ޑިޕާޓްމަންޓް އޮފް ގަވަމަންޓް އިންފޮމޭޝަންއިން ވަނީ އިސްލާހެއް އާންމު ކުރައްވާ، ބައެއް ޑްރަގްތަކާއި ސިއްހީ އާލާތްތަކުގެ ދަތިކަން ކުރިމަތިވެފައި ވާ ކަމަށް އިއުތިރާފުވެފައެވެ.

އެނގެން އޮތް ހަގީގަތަކީ ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ބޭނުންވާ ބޭސްފަރުވާގެ ޑްރަގްތަކާއި އާލާތްތަކުގެ ސަޕްލައިއަށް ސްރީލަންކާ އިންތިހާއަށް ބޭނުން ވެފައި އޮތް ކަމެވެ.

ޒަރޫރީ ހިދުމަތްތަކަށް ބުރާއަރާފައި ވާ ސްރީލަންކާގެ ރައްޔިތުންތަކެއް މުޒާހަރާ ކުރަނީ / ފޮޓޯ: ޑެއިލީ ސަބާހް

އަދުގެ ހާލަތަށް ރިއާޔަތް ކޮށް ސްރީލަންކާގެ ސިއްހީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ލިބެން ހުރި އެއްޗަކުން ދެކޮޅު ޖައްސަވަން މަސައްކަތް ކުރައްވަމުންނެވެ. ޒަރޫރީ ނޫޏް އޮޕަރޭޝަންތައް މަޑު ޖައްސާލާފައި ވާއިރު، ބައެއް އާލާތްތައް ދެވަނަ ފަހަރަށް ބޭނުން ކުރުން ނުވަތަ ވީހާވެސް މަދުން ބޭނުން ކުރުން ފަދަ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

ސްރީލަންކާގެ ކެންސަރު ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ ޑރ ނިޝާން (އަސްލު ނަމެއް ނޫން) ބައިނަލްއަގުވާމީ މީޑިއާއަށް ވިދާޅުވީ، 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގިނަ ސާޖަރީތަކެއް ހުއްޓާލަން ޖެހިދާނެ ކަމަށެވެ. އަދި އައިވީއާއި ޕެރަސެޓަމޯލްގެ އިތުރުން އެންޓިބައޮޓިކްސް ހޯދަންވެސް އޭނާގެ ޓީމުން ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާ ކަމަށް ޑރ ނިޝާން ފާހަގަ ކުރެއްވިއެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޑރ ނިޝާން ވަނީ، ކެންސަރު ބަލީގެ ޕޭޝަންޓުންނަށް ފަރުވާ ކުރުންވެސް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ޑރ ނިޝާންއަކީ ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު އެންމެ ބޮޑަށް ގެއްލުންވި ސަރަހައްދެއްގައި މަސައްކަތް ކުރައްވާ ޑޮކްޓަރެއްކަމުން 2 ކާރިސާގެ ހާލަތު އޭނާ ވަނީ ތަފްސީލު ކޮށްދެއްވާފައެވެ. ދާހިލީ ހަނގުރާމައިގެ ދުވަސްވަރު މަސައްކަތުގައި ހައްދުތަކެއް ހުރި ނަމަވެސް، ވެރިރަށް ކޮޅުނބުގެ ވުޒާރާ މެދުވެރިކޮށް، ސަޕްލައި ލިބޭ ކަމަށް ޑރ ނިޝާން ވިދާޅުވިއެވެ. ނަމަވެސް އަދުގެ ހާލަތުގައި ސިއްހަތާ ބެހޭ ވުޒާރާގައިވެސް ސަޕްލައި ނެތް ކަން ޑރ ނިޝާން ވަނީ ފާހަގަ ކުރައްވާފައެވެ. ހަނގުރާމައިގެ ދުވަސްވަރުވެސް މިހާ ނުތަނަވަސްވާން ޖެހިވަޑައިނުގަންނަވާ ކަމަށް ޑރ ނިޝާން ވިދާޅުވިއެވެ.

އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައި ވާ ސްރީލަންކާގައި ކާބޯތަކެތި ވިއްކާ ފިހާރައެއްގައި މީހަކު ހަރަކާތްތެރި ވަނީ / ފައިލް ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ސްރީލަންކާއަކީ ގައުމީ ސިއްހަތުގެ ނިޒާމުގެ ތެރެއިން ހިލޭ ސާބަހަށް (އާސަންދަ އުސޫލުން) ބޭސްފަރުވާގެ ހިދުމަތް ދެމުން ދާ ގައުމެކެވެ. އެ ގައުމުގެ އެތައް މިލިއަން ބަޔަކު އެ ހިދުމަތަށް ބަރޯސާވެއެވެ.

ސްރީލަންކާގެ ޑޮކްޓަރުންގެ އެންމެ ބޮޑު އިއްތިހާދު ކަމަށް ވާ ގަވަމަންޓް މެޑިކަލް އޮފިސާސް އެސޯސިއޭޝަން (ޖީއެމްއޯއޭ) އިން އަދުގެ ހީނަރުކަމުގެ އިލްޒާމް އަމާޒު ކުރެއްވީ، މާލީ އަދި އިގުތިސޯދީ ކާރިސާ، އެންމެ އެކަށީގެންވާ ގޮތެއްގައި މެނޭޖު ކުރުމަށް، ކަމާ ބެހޭ ފަރާތްތަކުން ފެއިލްވި ފެއިލްވުމުގެ މައްޗަށެވެ. މިއާއެކު އިއްތިހާދުގެ ޑޮކްޓަރުން ވަނީ ބައިނަލްއަގުވާމީ ޑޯނަރުންގެ ދީލަތި އެހީއަށްވެސް ގޮވާލައްވާފައެވެ. ޑޮކްޓަރުންގެ އިއްތިހާދުން ވަނީ ކޮންމެހެން ބޭނުން ޖެހިފައިވާ ސިއްހީ ސާމާނުގެ ލިސްޓެއްވެސް އާންމު ކުރައްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރައްވާ ސްރީލަންކާގެ ޑޮކްޓަރުންވެސް މިވަގުތު އަވަދިނެތި އުޅުއްވަނީ، އަމިއްލަ ގައުމަށް ބޭނުން ޖެހިފައިވާ ސިއްހީ ސާމާނުގެ ސަޕްލައި ހޯއްދަވާ ދެއްވުމުގެ މަސައްކަތުގައެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ޑޮކްޓަރުން މިހާރު ވަނީ ލަންކާއަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެއްވަން ފައްޓަވާފައެވެ.

ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލުމުގެ ސަބަބުން ލަންކާގެ ބައެއް ރައްޔިތުން ދަނީ ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރަމުން / ފައިލް ފޮޓޯ: އިކޮނިމިކް ޓައިމްސް

ސިއްހީ ސަޕްލައިގެ މައްސަލައިގެ އިތުރުންވެސް ސްރީލަންކާގެ ސިއްހީ ހިދުމަތްތެރިންނަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ސިއްހީ ހިދުމަތްތެރިންނަށް އޯވާޓައިމް އުޖޫރައެއް ނުލިބެއެވެ. ބަޖެޓުގެ ދަތިކަމާއެކުގައެވެ. ޒަރޫރީ މުދާ ހޯދުމަށް އެތައް ގަޑިއިރަކަށް ދަމާލާ ކިއުތަކުގައި ޑޮކްޓަރުންވެސް ގިނަ ވަގުތުތަކެއް ހޭދަކުރައްވައެވެ.

ކާބޯތަކެއްޗާއި ހަކަތައިގެ އަގު އުފުލެމުންދާ ދިއުމުގެ ސަބަބުން ސްރީލަންކާގައި ކުރިއަށް ގެންދާ މުޒާހަރާތަކުގައިވެސް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން މެޑިކަލް ދަރިވަރުން ގެންދަނީ ބައިވެރިވަމުންނެވެ.