ކޮވިޑްގެ ހާލަތާ ގުޅިގެން ދިވެހިން ގޭގައި ބަންދުވާން ޖެހުނު ވަގުތު، ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ވައްކަމަކީ ވެންޓިލޭޓަރު ގަތުމުގެ ނަމުގައި ދަތުލަތުގެ ހަޒާނާއިން ބޭރު ކުރި 30 މިލިއަން ރުފިޔާގެ ވައްކަން ކަމުގައި އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. މުއާމަލާތުގެ ސައްހަކަން ދައްކަން އުޅުނަސް، ފައިސާ އަނބުރާ ހޯދާ ވާހަކަ ދެއްކިޔަސް އެއިން ކަމެއް ސައްހަ މަގުން ހިނގާތަނެއް ނުފެނެއެވެ.

ދިވެހިންގެ ލޯމަތީ "މާސްކް އަޅުވާފައި ހިންގި ވައްކަން" ފަޅާ އެރީ، ރާއްޖެ ގެންނަން އޯޑަރު ކުރި ވެންޓިލޭޓަރުތަކެއް ނައިސްގެން އެވާހަކަ އޮޑިޓު ރިޕޯޓުގައި ތިލަކޮށްފައި އޮތުމުންނެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައި އޮތީ އެ މުއާމަލާތް ހިންގާފައި ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސެންޓަށް ވާ 30.9 މިލިއަން ރުފިޔާ އޭރު އޮތީ ދީ ނިންމާފައި ކަމަށެވެ.

ވެންޓިލޭޓަރުގެ އެ ހިޔާނާތާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕެއިން އާ ގުޅުވަނީތޯ ސުވާލު އުފެދޭ ނަމަ، އެ ސުވާލު އުފައްދަނީ މިހާރު އެމްޑީޕީގެ ޗެއާޕާސަން ޓިކެޓަށް ވާދަކުރާ އެމްޕީ އިމްތިޔާޒު ފަހުމީގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުންނެވެ.

ބޮންޑޭ ކުރެއްވި ޓްވީޓްގެ ސްކްރީންޝޮޓެއް
"އިތުރަށް ޓެގް އަޅުވަންވީ އެސްއެމްއީ ލޯން ތަކުގައި އެމްއެމްއޭއިން ބެންކް ތަކަށް ދޫކުރާ ޑޮލަރު ތަކުގައި ދައުލަތުގެ ތިޖޫރީގައި ހުރި ރުފިޔާ ތަކުގައި ވެންޓިލޭޓަރ ގަންނަން ދޫކުރާ ފައިސާގައި އިންކަމް ސަޕޯޓްްގައި އޮޅުވާ ނުލެވޭގޮތަށް އެކަށީގެން ނުވާ ބޮޑެތި ބަދަލުދޭ ގާނޫނީ ލަފާތަކުގަ"
ބޮންޑޭ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރައްވާ ތުހުމަތުގައި އޮތީ ހަމަ އެކަނި ވެންޓިލޭޓަރެއްވެސް ނޫނެވެ. އިންކަމް ސަޕޯޓް އެލަވަންސް ދިނުމާއި ބަދަލު ދިނުމުގެ ނަމުގައި އެކަށީގެން ނުވާ ބޮޑެތި އަދަދުތައް ދޫކުރަން ގާނޫނީ ލަފާ ދިނުމާއި، އެމްއެމްއޭއިން ބޭންކްތަކަށް ޑޮލަރު ދޫކުރުމުގެ އިތުރުން ދައުލަތުގެ ތިޖޫރީގައި ހުރި ފައިސާ ބޭނުން ކުރުމުގައިވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަމުގެ ތުހުމަތު އެބަ ކުރައްވައެވެ.

ބޮންޑޭގެ އެ ތުހުމަތުތަކުގެ ތެރެއިން، އިންކަމް ސަޕޯޓް އެލަވަންސް ގުޅެނީ ފަައްޔާޒު އިސްމާއީލް ހުންނެވި އިކޮނޮމިކް މިނިސްޓްރީއާއެވެ. އެކަށީގެން ނުވާ ބަދަލު ކަމަށް އޭނާ އެ ވިދާޅުވަނީ، ފައްޔާޒުގެ ބޭބެ، މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއީލް (އިބްރާ) އާއި، ފައްޔާޒާ ގާތް ބައެއް ފަރާތްތަކަށް ލިބުނު ބަދަލުކަމަށް ތަރުޖަމާ ކުރެވެއެވެ. ދެން ހުރި ވާހަކަ ތަކަކީ، ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް (ސަރުކާރަށް) އަމާޒު ކުރާ ވާހަކަތަކެއް ކަމަށް ގަބޫލު ކުރެވެއެވެ.

ކުށުގެ ވެށީގައި އުޅޭ ރަތް ލާޖެހި ކުށްވެރިންގެ ފައިގައި، އެމީހުން އުޅޭ ނޫޅޭ ގޮތް ބަލަން، "ޓެގް" އަޅުވާ ވާހަކަ އާ ބޮންޑޭގެ ތުހުމަތުތައް ގުޅުވާލީ، ޓެގް އެޅުވީމައި ވައްކަން ކުރަންޏާ އެނގޭނެ ކަމަށް ވިދާޅުވާން ވެގެންނެވެ.

އާޒިމް ކުރެއްވި ޓްވީޓްގެ ސްކްރީންޝޮޓެއް
"އެބަ ހިންގާލާ، އެކަމަކު މަކަރުވެރިކާމާއި ވައްކަމާއެކު"
އާޒިމް

މިއީ މެދުހެންވޭރު ދާއިރާގެ މަޖިލީސް މެންބަރު އަލީ އާޒީމް ކުރައްވާ ތުހުމަތެވެ. އޭނާ އެވާހަކަ ވިދާޅުވަނީ، އެމްއެމްސީ ބޭންކް މެދުވެރިކޮށް އަނެއްކާވެސް ލޯނުދޭން އިއުލާން ކުރުމުން، ކުރިން ލޯނު ދޫކުރުމުގައި ހިނގާފައި ހުރި ކަންކަން ފައްޔާޒާ ގުޅުވާން ކަމަށް ގަބޫލު ކުރެވެއެވެ.

އެސްއެމްއީ ލޯނުތަކާ ގުޅޭ އޮޑިޓް ރިޕޯޓްގައި ބުނެގައި ވަނީ، އެސްޑީއެފްސީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފު ކުރި ރިލީފް ލޯނު ދޫކޮށްފައި ވަނީ އެ ލޯނު އަނބުރާ ދެއްކުމުގެ ގާބިލުކަމަށް އިސްކަން ނުދީ ކަމަށެވެ. އެހެން ކަމުން އެގޮތަށް ދޫކުރި ފައިސާ އަނބުރާ ލިބިދާނެ ކަމާ މެދު އޮޑިޓަރުން ވަނީ އެލާޓްވެސް ކޮށްފައެވެ.

"އެމްޑީޕީ ގޮނޑި"

މުސްކުޅި ހަރުބަހުގައި ބުނާ މަފްހޫމަކީ، އަތަށް ފައިސާ އަރަންޏާ، އެ ފައިސާގައި ޖެހެވޭނެ ކަމަށް ބުނާ ބުނެމެކެވެ. އެއީ ދަބަހަށް އަޅާ ދިޔާ އެއްޗަކަސް ހަރު އެއްޗަކަސް، އެކަން އެމަގުން ހިނގާނެ ކަމަށް ދުނިޔެ ކޮށްފައި ހުރި ތަޖުރިބާ ކަމުގައި ގަބޫލު ކުރަން ޖެހެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ގޮނޑި "ވަރުގަދަ ވެފައި" ވާދަވެރި މި ދަނޑިވަޅުގައި، ހިޔާލު ހޯދުމުގެ ނަތީޖާއިން ދައްކަނީ ފައްޔާޒު ގޮނޑި ކާމިޔާބު ކުރާނެ ކަމަށެވެ. ބޮޑުތަފާތުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެއީ އިންތިގެ ޓީމަށް "ހަޖަމް" ކުރެވޭ ވަރުގެ ކަމަކަށް ގައިމު ނުވާނެއެވެ. އެންމެ ބޮޑު އެއް ސަބަބަކީ، އެ ޓީމުގެ މާލިމީ އަކަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވުމާއި، އެމްޑީޕީ އުފެދުނީއްސުރެ ނަޝީދަށް އޮތް ސަޕޯޓް އެންމެ 3 އަހަރުން ގެއްލިގެން ހިނގައިދާނެ ކަމަށް ގަބޫލު ނުކުރެވޭތީއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ފައްޔާޒު މައިދާނަށް ނުކުންނެވިތާ 3 އަހަރު ތެރޭގައި ރައީސް ނަޝީދު ބަލި ކުރެއްވޭނެ ކަމަށް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް އެކަން އެހެން ވެދާނެ ކަމުގެ ބިރު އޮތް ކަމަށް އިންތި ފެކްޝަނުގެ ބައެއް މެންބަރުންވެސް ބުނެއެވެ. ކޮފީ މޭޒުތަކުގައި އެވާހަކަ ދައްކާ ހަދައެވެ.

އިކޮނޮމިކް މިނިސްޓަރަކަށް ފައްޔާޒު ހުންނެވުމާއި، ކޮވިޑްގެ ހާލަތުގައި "ހިންގާލި" ގޮތާއި، މިއަދު ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން، ޕާޓީގެ މެންބަރުން އުޅޭ ގޮތް ފެނި، އިންތި ފެކްޝަނުން މިއަދު ކުޅެން ނެގި ކާޑަކީ "ކޮރަޕްޝަންގެ ތުހުމަތު" ގެ ކާޑެވެ.

އެ ތުހުމަތަށް އިތުރަށް ބާރު ދޭ ބައެއް ވާހަކަ ރައީސް ނަޝީދު ކުރިން ދައްކަވާފައި ވެސް ވެއެވެ. އެގޮތުން ފައްޔާޒު "ބްރޯ ހެދިގެން" އުޅޭ ކަމަށް ތުހުމަތު ކުރައްވާ، އެހެން ނޫޅުއްވޭނެ ކަމަށް ވިދާޅުވުމާއި، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުގައި ނަގާ ބޭރުކޮށްލަން އުޅުއްވުން ފުދެއެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރޭ ފޮނުއްވި މެސެޖުތަކެއްގައި ނަޝީދު ވިދާޅުވެފައި ވަނީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީއަށް މިހާތަނަށް ހޯދުނު ހުރިހާ ކާމިޔާބީ އަކީ ޕާޓީ "ހިންގާލައިގެން" ލިބުނު ކުރިއެރުމެއް ކަމަށެވެ.

ކެމްޕެއިނެއްގައި އެއްފަރާތުން އަނެއް ފަރާތް ބަލި ކުރުމަށްޓަކައި "އަޑެއް ކިއިއްޔާ ރެނދެއް ލާނޭ" ބުނާ އުސޫލުން ހިނގާފައި ހުރި ކަންކަމުގެ ވާހަކަ ދައްކާނެއެވެ. އެކަންކަން ނަފީކޮށް ވާހަކަ ދައްކާ، ކާމިޔާބީ ހޯދުމަކީ އިދިކޮޅު ޓީމުގެ ކަމެކެވެ.