އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ވަޒީފާގައި ތިބި އެ ޕާޓީގެ މެންބަރުން ވަކިކުރަމުންދާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުން، ދެ ފެކްޝަންގެ ދެމެދުގައި މައްސަލަ ހޫނު ވެއްޖެއެވެ.

އެ ޕާޓީގެ ޗެއާޕާސަން ހޮވުމަށްޓަކައި ބާއްވާ އިންތިހާބުގެ ވާދަ ބޮޑުވެފައި ވާއިރު، އެ މަގާމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ތާއީދު ނުކުރާ ފަރާތްތައް މަގާމުތަކުން ވަކި ކުރަމުންދާ ކަމަށް، އެ މަގާމަށް ދެން ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމުން ތުހުމަތު ކޮށްފައި ވެއެވެ. އެކަމާ ގުޅިގެން އެ މައްސަލަ ހުށަހެޅުއްވީ އިންތިގެ ކެމްޕެއިން ތަރުޖަމާނު އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

ވައްޑެ ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ، ރައީސަށް ލިބިދޭ ބާރުތައް ބޭނުން ކުރަން ވާނީ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށާއި، އެގޮތުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ބޭނުން ކުރަން ވާނީ ހަމަހަމަކަމުގެ އުސޫލުތަކުގެ ތެރެއިން ކަމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އެތެރޭ އިންތިހާބުތަކާ ދިމާކޮށް ވަޒީފާތަކުން މީހުން ވަކިކުރުމަކީ އާންމުންގެ މެދުގައި ސުވާލު އުފެދޭނެ ކަމެއް ކަމަށާއި، އެފަދަ ޝަކުވާ ލިބެމުންދާ ކަމަށެވެ. ވައްޑޭ އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ރ. ދުވާފަރު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް، ހެލްތް ސާވިސްގެ މަގާމުގައި ހުންނެވި އެމްޑީޕީގެ މެންބަރެއް ކަމަށްވާ އާމިރު އަހުމަދު އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

"އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސްކުރަން އެެތެރޭގެ އިންތިހާބާ ދިމާކޮށް އަދި އަރިހުގެ ތިއްބަވާ ބޭފުޅުން އެ ގޮތް ގޮތަށް ބޮލަށް ފިއްތަވަން އުޅެގެން އެ ހިންގަވާ ކަންކަމަށް ޖާގަ ނުދެއްވުމަށް." ވައްޑޭ ވިދާޅުވިއެވެ.

އެ މައްސަލައަށް ބަހުސް ކުރުމަށް 23 މެންބަރުންގެ ވޯޓުން ފާސްވި ނަމަވެސް، އެ މައްސަލައަށް ބަހުސް ކުރުމާ ދެކޮޅަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި، އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއެވެ.

އެ މައްސަލާގައި މިއަދު ދެ ފެކްޝަނުންވެސް ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައި ވާއިރު، އެކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ، އާމިރާ މެދު ސަރުކާރުން ފިޔަވަޅު އަޅާފައި ވަނީ، އޭނާ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް، ދުވާފަރުގެ ގިނަ މީހުން ސޮއިކޮށްފައިވާ ޕެޓިޝަނަކާއި، ބައެއް އާންމުން ފޮނުވާފައިވާ ސިޓީތަކެއް ރައީސް އޮފީހަށް ލިބުމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، އެ އޮންނަ ހަމަތަކުގެ ތެރެއިން ކަމަށެވެ.

އަދި ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރާނެ ކަމަށާއި، އެއީ ސަރުކާރުން އެއްވެސް ހާލެއްގައި އަމަލުކުރާނެ ގޮތެއް ނޫން ކަމަށާއި، އެ ކަމަކީ ސަރުކާރުގެ ސިޔާސަތާ ދެކޮޅު ކަމެއް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

"އެ މީހަކު ބޭނުންވާ ފަރާތަކަށް ތާއީދުކުރުމާއި ވޯޓުލުމަކީ ކޮންމެ ފަރުދަކަށް، އަދި ސަރުކާރުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް ވެސް، އޮތް ހައްގަކަށް ވީ ހިނދު، އެ ހައްގަށް އެއްވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް އަމަލެއް ދިމާވެފައިވާނަމަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް އިލްތިމާސްކުރަން." ރައީސް އޮފީހުން ބުންޏެވެ.