ސަރަހައްދީ މަސްރަހުގައި މިވަގުތު އެންމެ ބާރަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ، ބުރުގާ އަޅައިގެން ތައުލީމު ހާސިލު ކުރަން ދާ ދަރިވަރުންނާ ދެކޮޅަށް، އިންޑިއާގައި ހިންގަމުންދާ ޖަރީމާތަކާ، ކުރިމަތި ކުރާ ފިއްތުންތަކުގެ ވާހަކައެވެ. ބުރުގާ އަޅައިގެން ކުލާސްތަކަށް ހާޒިރު ނުވެވޭ ގޮތަށް އެކި ގަވައިދުތައް ހަދަމުން ދާއިރު، އައުރަ ނިވާ ކޮށްގެން ތައުލީމު ހާސިލު ކުރުމަކީ ލިބިފައި ވާ ހައްގެއް ކަމަށް އިންޑިއާގެ މުސްލިމު ދަރިވަރުން ދަނީ ބުނަމުންނެވެ.

މުސްލިމު ދަރިވަރުންގެ ހިތްވަރު ފެނި، އެކަން ހަޖަމު ނުވެގެން އެންމެ ބާރަށް ނިކުތް ބަޔަކަށް ވީ ހިންދޫ ދީނުގެ ދަރިވަރުންނެވެ. ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ހިންދުވަތާ ފިކުރުގައި ޣަރަގު ވަމުން، "ޖަޒުބާތުގައި" ޖެހިފައި ވާ ދަރުވަރުންނާ ދެކޮޅަށް، ގަދަ ހިތްވަރާއެކު ކުރިމަތިލީ އެކަކީ މުސްކާން ހާންއެވެ. ބުރުގާ އަޅާ ދަރިވަރުންނާ ދެކޮޅަށް އިންޑިއާގައި ކުރިމަތި ކުރަމުން ދާ ފިއްތުންތަކާ ދެކޮޅަށް ތެދުވި ހިތްވަރުގަދަ ޝަހްސަކީވެސް މުސްކާން ހާން ކަމާ މެދު، އެތައް ބަޔަކު އިއްތިފާގު ވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމު އަހުންނާ އުހުތުންގެ ސަމާލުކަން، މުސްކާން ހާންއަށް ހުއްޓުނީ، ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއަކުންނެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ، ހިންދޫންގެ ރަމްޒީ ކުލައެއް ކަމުގައި އެމީހުން ބަލާ، ސެފްރޯން ކުލައިގެ ފޮތިގަނޑު ކަރުގައި އަޅައިގެން ދިޔަ ބައިގަނޑަކަށް ފަސްޖެހުމެއް ނެތި، މުސްކާން ހާން، ސާބިތުވެ ހުރި މަންޒަރެވެ.

ބުރުގާ އަޅައިގެން ކުލާހަށް ހާޒިރުވުން މަނާ ކޮށްފައި ވާ ކޮލެޖުގެ ދަރިވަރުން އިދާރާގައި / ފޮޓޯ: އަލްޖަޒީރާ

ހިންދޫ ދީނުގެ ޝިއާރުތައް އަޑުގެ ކޮޅަށް ގޮވަމުން ދިޔައިރު، މުސްކާންގެ އަޒުމަކަށް ބަދަލެއް އައި މަންޒަރެއް ނުފެނެއެވެ. އަބާޔާ ޒާތުގެ ހެދުމެއް ލައިގެން، ފޭސް މާސްކުވެސް އަޅައިގެން ހުރި މުސްކާން ހާން ދިޔައީ "ﷲ އަކްބަރު" ގޮވާ، މުސްލިމުންގެ ޝިއާރު އިއްވަމުންނެވެ. މާ ގިނަ އިރުތަކެއް ނުވެ، ކޮލެޖުގެ ކަމާ ބެހޭ ފަރާތްތަކުން، އިމާރާތުގެ ތެރެއަށް މުސްކާން ހާން ވަނުމަށް ފުރުސަތު ފަހިކޮށްދެއެވެ.

މުސްލިމު ދަރިވަރުން ބުރުގާ އަޅައިގެން ކިޔަވަން ހާޒިރު ވާ މައްސަލަ އިންތިހާއަށް ހޫނުވެފައި ވާ ކަރުނާޓަކާ ސްޓޭޓްގެ މަންދްޔާ ސިޓީގައި ހިނގާދިޔަ ހާދިސާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މުސްކާން ހާން ބުނީ، އޭނާ ބޭނުންހާވެސް ކަމަކީ، އޭނާއަށް ލިބިފައިވާ ހައްގުތައް ކަށަވަރުކޮށް، ތައުލީމު ހާސިލު ކުރުން ކަމަށެވެ. އަދި އެމީހުން (ހިންދޫއިން) ލާ އުޅޭ އެއްޗަކާ މެދު އޭނާގެ މައްސަލައެއް ނެތް ކަމަށާ، އޭނާވެސް ބުރުގާ އަޅާ ފަދައިން، ސެފްރޯން ޝޯލްއާއި ފަގުޑި ބަނދެގެންވެސް ކޮލެޖަށް އައުމުގައި އޭނާގެ މައްސަލައެއް ނެތްކަމަށެވެ.

ބުރުގާ އަޅައިގެން ކުލާސްތަކަށް ހާޒިރުވުމުގެ މައްސަލާގައި އިންޑިއާގެ މަސްރަހު ހޫނުވާން ފެށީ ޕްރީ-ޔުނިވާސިޓީ ކޮލެޖެއްގައި، ބުރުގާ އަޅާ ދަރިވަރުންނަށް ކުލާސްތަކަށް ނުވަދެވޭނެ ކަމަށް ނިންމި ހިސާބުންނެވެ. ކޮލެޖު ގޯތި ތެރޭގައި ބުރުގާ އަޅައިގެން އުޅުނު ކަމުގައި ވީ ނަމަވެސް ކުލާހަށް ހާޒިރު ވާ އިރު ބުރުގާ ނަގަން ލާޒިމު ކުރުމުން، އެ ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ދިޔައީ ކުލާހުން ބޭރުގައްޔާ ސިޑިތައް މަތީގައި ތިބެގެންނެވެ.

މާ ގިނަ ދުވަހެއް ނުވެ، އެހެން ކޮލެޖުތަކުންވެސް މި ގަވައިދު ތަންފީޒު ކުރަން ފެށިއެވެ. މި ކަމާ ދެކޮޅަށް ދަރިވަރުން ވާހަކަ ދެއްކިއެވެ. ނަމަވެސް ހިންދޫންނަށް ލިބުނީ އިތުރު ހިތްވަރެކެވެ. ބުރުގާ މަނާ ކުރި ކުރުމަށް ތާއީދު ހިންދޫއިން މަގުތަކަށް ނިކުތެވެ. ދެބައި މީހުންގެ މެދުގައި ކުރިމަތިލުންތަކެއްވެސް ހިންގިއެވެ. ނަތީޖާއަކަށް ވީ، ކަރުނާޓަކާގެ ސަރުކާރުން ހިންގަމުން ދިޔަ ހައި ސްކޫލްތަކާ ކޮލެޖުތަކުގެ ކިއެވުން މެދުކަނޑާލުމެވެ.

ބުރުގާ އަޅައިގެން ކުލާހަށް ހާޒިރުވުން މަނާ ކޮށްފައި ވާ ކޮލެޖެއް / ފޮޓޯ: އަލްޖަޒީރާ

ކަރުނާޓަކާ ސްޓޭޓްގައި ވެރިކަން ކުރަމުން އަންނަނީ މޯދީގެ ބާރުތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އިން ކަމަށް ވާއިރު، 2014 ވަނަ އަހަރު، އިންޑިއާގެ ވެރިކަމާ މޯދީގެ ސަރުކާރުން ހަވާލުވި ފަހުން، މުސްލިމުންނާ ދެކޮޅަށް އެ ގައުމުގައި ހިންގާ ޖަރީމާތަކުގެ ސިލްސިއާއަށް ބޮޅުތައް ދަނީ އިތުރު ވަމުންކަން ފާހަގަ ކުރަން ޖެހެއެވެ.

ވިޔަފާރިވެރިއެއްގެ ދަރިއެއް ކަމަށް ވާ މުސްކާން ހާން ބުނާ ގޮތުގައި، މިހާރު ހިނގަމުންދާ ކަންތައްތަކަކީ އޭނާއާއެކުގައި ކިޔަވާ ކުދިންނަށް ވުރެ ބޮޑަށް، "ބޭރުގެ ބަޔަކު" ރާވައިގެން ހިންގާ ޖަރީމާއެކެވެ. އެކުގައި ކިޔަވާ ދަރިވަރުންނަށް ވުރެ ބޮޑަށް، އެކަމަކީ ބޭރު ބަޔަކު ހިންގި ކަމެއް ކަމަށް މުސްކާން ހާން ގަބޫލު ކުރެއެވެ.