ރަޝިއާއާއި ޔޫކްރައިންގެ މަސްރަހު ހޫނުވެ، ހުޅަނގުން ހަނގުރާމައިގެ އިންޒާރުގެ ރަނގަބީލު ޖަހަމުން އަންނަ މި ދަނޑިވަޅުގައި، ޔޫކްރައިންގެ މައްސަލައަށް ޑިޕްލޮމަސީ ނުވަތަ ސުލްހަވެރި މަޝްވަރާގެ ތެރެއިން ހައްލު އޮތް ކަމަށް ގަބޫލު ކުރައްވާކަމަށް ރަޝިއާއިން ވިލާތުގެ އިއްތިހާދު (އީޔޫ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވްލޭޑްމިއާ ޗީޒްހޮފް ވިދާޅުވެއްޖެއެވެ.

ޗީޒްހޮފް ވިދާޅުވީ އެއްވެސް ގައުމަކަށް އެރުމުގެ ނިޔަތެއް ރަޝިއާގައި ނެތް ކަމަށާ، ނަމަވެސް ރަޝިއާގެ ވިސްނުން ބަދަލު ކުރުމަށް އެއްވެސް ގައުމަކުން މަޖުބޫރު ނުކުރުންވެސް މުހިންމު ކަމަށެވެ.

ރަޝިއާއިން ޔޫކްރައިންއަށް އަރާ، ހަމަ ކޮންމެ ފަދަ ވަގުތެއްގައިވެސް ހަނގުރާމަ ފަށާފާނެ ކަމުގެ އިންޒާރު، އެމެރިކާއިން ތަކުރާރުކޮށް ދެމުން ދާއިރު، ރަޝިއާއިން ދަނީ ހަނގުރާމައެއް ފަށަން އުޅޭ ކަމުގެ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

އެމެރިކާއިން ހުއްޖަތެއް ކަމުގައި ދައްކަނީ ޔޫކްރައިންއާ ރަޝިއާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި ރަޝިއާ އަސްކަރިއްޔާގެ 100000 ސިފައިންގެ ފައުޖެއް ރުކުރުވާލުމާ، ބްލަޑް ބޭންކެއް ގާއިމު ކުރުމެވެ. ކަން މިހެން އޮތް އިރު، ރަޝިއާގެ ސަފީރު ވަނީ، ޔޫކްރައިންގެ ރަޝިއާއާ ވީ ބޯޑަރު ސަރަހައްދުގައި، ރަޝިއާއާ ކުރިމަތިވާ ގޮތަށް ރުކުރުވާލާފައިވާ ޔޫކްރައިންގެ އަސްކަރިއްޔާއާ މެދު އެއްވެސް ބަޔަކު ވާހަކަ ނުދައްކަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

ކަން މިހެން އޮތް އިރު ރަޝިއާއިން ދަނީ ބެލަރޫސްއާ ގުޅިގެން ތަމްރީނުގެ ނަމުގައި އަސްކަރީ ހަރަކާތްތަކެއް ހިންގަމުންނެވެ.