ސިނގިރޭޓު ބުއިމުގެ ސަބަބުން ލިބޭ ސިއްހީ ގެއްލުންތަކުގެ އިތުރުން ތިމާވެށީގެ ގެއްލުންތަކަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ހާއްސަ ކެމްޕޭނެއް ހިންގުމަށް، އދގެ ތިމާވެއްޓާ ބެހޭ މަޝްރޫއު (ޔުނެޕް) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔަ (ޑަބްލިއުއެޗްއޯ)އިން ތައްޔާރުވެއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރެއްގެ މައްޗަށް 6 ޓްރިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އުފައްދައެވެ. މިއިން ކޮންމެ ސިނގިރޭޓެއްގައި ފިލްޓަރެއް ނުވަތަ ބަޓް ހުރެއެވެ. މި ބައި އެކުލެވިގެން ވަނީ ސެލޫލޯސް އެސެޓޭޓް ފައިބާޒްއޭ ކިއުނު ކުދި، ޕްލާސްޓިކްކޮޅުތަކެއްގެ މައްޗަށެވެ.

އުކާލަންޖެހޭ އެންމެ ރަނގަޅު ގޮތުގައި އުކާ ނުލެވި ހުންނަ ސިނގިރޭޓް ފިލްޓަރުތައް، އެހެން ގޮތް ގޮތުން ވިރާނާވާން ފަށައެވެ. އިރުގެ އަލި ނުވަތަ ކޮންމެވެސް ތެތްކަމެއްގެ ސަބަބުންނެވެ. މި ގޮތަށް ފިލްޓަރު ބުރި ވީރާނާ ވާން ފަށާ ހިސާބުން މައިކްރޯޕްލާސްޓީކާއި، ބަރު މައުދަނުގެ ބައިތަކާ، އެނޫންވެސް ކެމިކަލްތައް ތިމާވެށީގެ ތެރެއަށް ދޫވެއެވެ.

ގޮނޑުދޮށްތަކުން އެންމެ ގިނަ އަދަދަކަށް ފެންނަ ޕްލާސްޓިކް ކުނީގެ ތެރޭގައި ސިނގިރޭޓް ބަޓް ނުވަތަ ފިލްޓަރު ހިމެނޭ / ފޮޓޯ: ވޭލްސް 247

އަހަރެއްގެ މައްޗަށް ދުނިޔެއިން ޖަމާ ކުރާ ވިހަ ކުންޏަށް ބަލާއިރު، 766 މިލިއަން ކިލޯގްރާމަށް ވުރެ ބަރު އަދަދެއް ހިއްސާ ކުރަނީ ސިނގިރޭޓް ބަޓް ނުވަތަ ފިލްޓަރެވެ. ގޮނޑުދޮށްތަކުންވެސް އެންމެ ގިނައިން ފެންނަ ޕްލާސްޓިކް ކުންޏަކީ ސިނގިރޭޓް ފިލްޓަރު ކަމަށް އދއިން ބުނެއެވެ.

ހަށިގަނޑުގެ ތެރެއަށް މައިކްރޯޕްލާސްޓިކް ދިއުމަކީ އިންތިހާ ނުރައްކާ ކަމެކެވެ. މައިކްރޯޕްލާސްޓިކް އެތެރެވުމުގެ ދިގު މުއްދަތުގެ ގެއްލުން ބޮޑެވެ. އެގޮތުން ދޫންޏާއި، މަސްމަހާމެހީގެ އިތުރުން މަންމަލި ޖަނަވާރުތަކާ، ގަސްގަހާގެއްސާ، ރެޕްޓައިލް ފަދަ ދިރުންތަކުގެ ފުރާނައަށް ނުރައްކާވެއެވެ.

ކާބޯތަކެތީގެ ޗޭނުގެ ތެރެއިން އިންސާނުންނާ ހިސާބަށްވެސް މައިކްރޯޕްލާސްޓިކް ފޯރައެވެ. މި ގޮތަށް، އިންސާނުންނާ ހިސާބަށް މައިކްރޯޕްލާސްޓިކް ފޯރުމުން، ސިއްހީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އޭގެ ތެރޭގައި ޖެނެޓިކްސް ބަދަލު ތަކާ، ސިކުނޑީގެ ތަރައްގީއަށް ފޯރާ ނޭދެވޭ އަސަރުތަކާ، ނޭވާލުމުގެ ނިޒާމަށް ކުރިމަތިވާ މައްސަލަތައް ފާހަގަ ކުރެވެއެވެ.

މި ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ޔުނެޕްއާއި ޑަބްލިއުއެޗްއޯ ގުޅިގެން ސޯޝަލް މީޑިއާގައި ހާއްސަ ހަރަކާތެއް ހިންގާނެ ކަމަށް އދއިން ހަބަރު ދެއެވެ.