ރަޝިއާއަށް ތާއީދުކޮށް ޔޫކްރައިންއިން ވަކިވެގަތުމަށް މަސައްކަތް ކުރަމުން އަންނަ މީހުންނަށް ނުވަތަ ސީދާ ރަޝިއާއަށް އަމާޒުކޮށް ޔޫކްރައިންގެ އަސްކަރިއްޔާއިން ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯ ކުޅުވައިގެން، ރަޝިއާއިން ޔޫކްރައިންއަށް އަރަން މަގު ތަނަވަސް ކުރުމަށް ރަޝިއާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާގެ އޮފިޝަލުން ތުހުމަތު ކުރައްވައިފިއެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވީ ޔޫކްރައިންގައި ރަޝިއާއަށް ތާއީދު ބޮޑު ޑޮންބާސް ސަރަހައްދަށް ޔޫކްރައިންގެ އަސްކަރިއްޔާއިން ހަމަލަދީ، އާންމުންނަށް އަނިޔާ ލިބިފައި ވާ މަންޒަރު، ރަޝިއާއިން ދައްކަފާނެ ކަމަށެވެ. އަދި މި މަންޒަރުތަކަކީ، ރަޝިއާއިން ޔޫކްރައިންއަށް ހަމަލާ ދިނުމަށް ބޭނުން ކުރާނެ ހުއްޖަތެއް ކަމަށްވެސް އެމެރިކާއިން ތުހުމަތު ކުރެއެވެ.

ރަޝިއާއިން ވަނީ އެމެރިކާގެ ތުހުމަތަށް އިންކާރު ކޮށްފައެވެ. އަދި އެ ފަދަ އަސްލެއް ނެތް އޮޕަރޭޝަންތަކެއް އެ ގައުމުން ނުހިންގާނެ ކަމަށްވެސް ރަޝިއާއިން ވަނީ ރައްދުގައި ބުނެފައެވެ.

މަސްރަހު ނުތަނަވަސް ވެފައިވާ ރަޝިއާއާއި ޔޫކްރައިން ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި ރަޝިއާގެ އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރަމުން ދާ އިރު، އެމެރިކާއާއި ނޭޓޯއިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ނަމަވެސް، ރަޝިއާއިން ދަނީ ޔޫކްރައިން ހިފަން އުޅޭ ކަމަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ކުރަމުން ދާ ތުހުމަތުތަކަށްވެސް އިންކާރު ކޮށްފައެވެ.