ފުރާނައަށް އިންތިހާއަށް ނުރައްކާ ދެނިވި ކޮރޯނާވައިރަހުގެ އާ ރޯގާއެއް ކަމަށްވާ ނިއޯކޮވް ގެ އިންޒާރު ޗައިނާއިން ދިން ކަމުގައި ވީ ނަމަވެސް، އެއީ އަދި ކަންބޮޑުވެ، ހާސްވެގެން އުޅެންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް އިންޑިއާގެ ޑޮކްޓަރުންނާއި ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ކޮވިޑް-19 ޓާސްކްފޯހުގެ މެންބަރެއް ކަމަށް ވާ ޑރ ރާހުލް ޕަންޑިތު ވިދާޅުވީ، ނިއޯކޮވްއަކީ އިންސާނުންގެ ހަށިގަނޑަށް ހަމަލާ ދޭ ވައިރަހެއް ކަން އަންގައިދޭ އެއްވެސް ހެއްކެއް އަދި ލިބިފައި ނުވާ ކަމަށާ، މިއީ ހާސްވާންޖެހެ ކަމެއް ނޫން ކަމަށެވެ.
އަދި ފެނިފައި ނުވާ ކިތަންމެ ވައިރަހެއް ދުނިޔޭގައި އުޅޭނެ ކަމަށްވެސް ޑރ ޕަންޑިތު ވަނީ ވިދާޅުވެފައެވެ. މި ވަގުތަކީ ކޮވިޑް-19ގެ ގޮންޖެހުންތާ ކުރިމަތިލާން ޖެހިފައި ވާ ވަގުތު ކަމަށާ، ސަމާލު ވާން ވީ ކޮވިޑުން ރައްކާތެރި ވާނެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކަމަށްވެސް ޑރ ޕަންޑިތު ވަނީ އާންމުންނަށް ގޮވާލައްވާފައެވެ.
ނިއޯކޮވްއާ ގުޅިގެން ބައިނަލްއަގުވާމީ މީޑިއާއަށް ތިލަވެފައި ވާ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިއީ އާ ވޭރިއަންޓެކެވެ. އަނެއް ބައި ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ކޮރޯނާވައިރަހުގެ އާ ބާވަތެކެވެ. ނިއޯކޮވް އެންމެ ފުރަތަމަ ދެނެގަތްފައި ވަނީ ކޮވިޑް-19ގެ އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާގެ ވޫހާން ސިޓީގެ ސައެންސްވެރިންތަކެކެވެ. ޗައިނާގެ ސައެންސްވެރިން ބުނާ ގޮތުގައި ނިއޯކޮވް އެންމެ ފުރަތަމަ ފެނިފައި ވަނީ ދެކުނު އެފްރިކާގެ ވާލުގެ އާބާދީއިންނެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ގަންގާ ރާމް ހޮސްޕިޓަލުގެ ޑރ ދިރެން ގުޕްތާ ވިދާޅުވީ، މި ވޭރިއަންޓު، އިންސާނުންނާ ހިސާބަށް ފޯރާފާނެ ކަމަށް ކުރެވެނީ ވަކާލާތެއް ކަމަށެވެ. އަދި ނިއޯކޮވްއަކީ ކޮވިޑް-19 ޖައްސާ ސާސްކޮވް-2 ވައިރަހާ ތަފާތު އެއްޗެއް ކަމަށްވެސް ޑރ ގުޕްތާ ވަނީ ވިދާޅުވެފައެވެ.
ޗައިނާގެ ސައެންސްވެރިން އިންޒާރު ކުރި ނިއޯކޮވްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މި ކަން އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމަށް ބުނެފައެވެ.