ވަޒީރު ކަން ގެއްލުނީ މުސްލިމަކަށް ވީތީއޭ ބުނެ ވަކާލާތު ކުރަމުން އަންނަ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނުސްރަތު ޣަނީގެ ދައުވާގެ ތަހުގީގެއް ހިންގުމަށް، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އަމުރު ކުރައްވައިފިއެވެ.

ނުސްރަތު ޣަނީއަކީ އިނގިރޭސިވިލާތުގެ ކުރީގެ ޖޫނިއާ ޓްރާންސްޕޯޓް މިނިސްޓަރެވެ. ޖޯންސަންގެ ސަރުކާރުން ނުސްރަތު ވަކި ކުރެއްވީ، ދީނީ ގަބޫލުކުރެއްވުންތަކުގެ ސަބަބުން ކަމަށް ނުރަސްތު ވަކާލާތު ކުރައްވާއިރު، އެ މައްސަލަ ބެއްލެވުމަށް، ކެބިނެޓް އޮފީހުގައި ބޮޑުވަޒީރު އެދިވަޑައިގެންފައި ވާ ކަމަށް، ބޮޑުވަޒީރުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ޖޯންސަން މީގެ ކުރިން ވަނީ ކޮންޒަވޭޓިވް ޕާޓީ މެދުވެރިކޮށް، ރަސްމީ ސިފައެއްގައި ދައުވާ ހުށަހެޅުއްވުމަށް ނުސްރަތަށް ދަންނަވާފައެވެ. ނަމަވެސް، އޭނާގެ ދައުވާއަކީ، ޕާޓީއަށް ވުރެ ބޮޑަށް، ސީދާ ސަރުކާރަށް އަމާޒު ކުރެވިފައި ވާ ދައުވާއެއް ކަމަށް ވިދާޅުވެ، ނުސްރަތު ވަނީ ޖޯންސަންގެ ހުށަހެޅުމަށް އިންކާރު ކުރައްވާފައެވެ.

ނުސްރަތު ވަނީ ޖޯންސަން އަމުރު ކުރެއްވި އާ ތަހުގީގުތަކަށް މަރުހަބާ ވިދާޅުވެފައެވެ.

ޖޫނީއާ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމުން ނުސްރަތު ވަކި ކުރީ 2020 ވަނަ އަހަރުއެވެ. އަދި މަގާމުން ދުރުކުރުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ ބައްދަލުވުމުގައި މައިގަނޑު މައްސަލައަކަށްވީ އޭނާގެ "މުސްލިމުކަން ކަމަށް" ވ ނުސްރަތު ވަނީ ވިދާޅުވެފައެވެ.

އޭނާއަކީ މުސްލިމަކަށް ވީތީ، އެކުގައި މަސައްކަތް ކުރައްވާ އެހެން ބޭބޭފުޅުންނަށް އުނދަގޫވާކަމަށް އޭނާ ގާތު ބުނެފައި ވާ ކަމަށްވެސް ނުސްރަތު ވިދާޅުވެއެވެ.

ވެރިކަން ކުރާ ޕާޓީގެ ވިޕްލައިންގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ މަޖިލިސް މެންބަރު މާކް ސްޕެންސް ވަނީ ނުސްރަތުގެ ވަކާލާތުތަކަށް އިންކާރު ކުރައްވާފައެވެ.