ގައުމީ ކާރިސާގެ ވަގުތުގައި ކަންކަމަށް އެކަށީގެންވާ ގޮތެއްގައި ނުފޫޒު ފޯރުވުމުގެ ބާރު ސަރުކާރަށް ނެތް ކަމަށް ވިދާޅުވެ، އަރުމީނިއާގެ ރައީސް، އަރުމެން ސާކިސިއާން، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަގަމުން އިސްތިއުފާ ދެއްވި ސާކިސިއާންއަކީ 2018 ވަނަ އަހަރުން ފެށިގެން އަރުމީނިއާގައި ރައީސްކަން ކުރައްވަމުން ގެންދަވާ ބޭފުޅާއެވެ. އަދި ނަގަރުނޮކަރަބަހް ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލާގައި، އަރުމީނިއާއާއި އަޒަރުބައިޖާންއާ ދެމެދު މިދިޔަ އަހަރު ކުރި ހަނގުރާމައިގެ މެދުގައިވެސް ހުންނެވި ބޭފުޅަކީ އެއީއެވެ.

މަގާމުން އިސްތިއުފާ ދެއްވާ، ރަސްމީ ވެބްސައިޓްގައި އެކަން އިއުލާން ކުރައްވަމުން ސާކިސިއާން ވިދާޅުވީ، މި ނިންމެވުމަކީ ޖަޒުބާތީ ނިންމެވުމެއް ނޫން ކަމަށާ، މި ނިންމެވުމަކީ، ހިކުމަތުގެ ބޭނުން ހިއްޕަވައިގެން ނިންމެވި ނިންމެވުމެއް ކަމަށެވެ.

ގައުމާއި ގައުމުގެ ރައްޔިތުންނަށް ހައްސާސީ ދަނޑުވަޅުގައި ކަންކަމަށް ނުފޫޒު ފޯރުވޭ ވަރުގެ އާލާތްތަކެއް ރައީސްއަށް ލިބިވަޑައިގެން ނުވާ ކަމަށް ސާކިސިއާން ވިދާޅުވިއެވެ. ގާނޫނީ ބަދަލުތައް ތަންފީޒު ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާ، އަދި ހަމަހަމަ ވެއްޓެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު، ދެން ވަޑައިގަންނަވާ ރައީސްއަކަށް ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އަރުމީނިއާގެ ރައީސް ކަމުން އިސްތިއުފާ ދެއްވި ސާކިސިއާން ވަނީ ވިދާޅުވެފައެވެ.