ޔޫރަޕް އަނެއްކާވެސް ކޮވިޑްގެ ހާޔަކަށް ވެފައިވާ ކަމަށާ އެބައްރުގައި ކޮވިޑް ފެތުރިގެން ދިޔައީ ވެކްސިންއިން ލިބޭ ރައްކާތެރިކަމުގެ މާނަ އޮޅުވާލުމުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.
އެޖަމިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މިދިޔަ ހަފްތާގައި ދުނިޔޭގައި ރިޕޯޓްކުރި ކޮވިޑް ކޭސްތަކުގެ ތެރެއިން 60 އިންސައްތަ ރިޕޯޓްކޮށްފައިވަނީ ޔޫރަޕުން ކަމަށެވެ.
ޑރ ޓެޑްރޯޒް ވިދާޅުވީ، ގިނަ ގައުމުތަކުގައި ވެކްސިން ޖެހުމުން ލިބޭ ރައްކާތެރިކަމުގެ އަސްލު އޮޅިފައިވާ ކަމަށާ ވެކްސިން ޖަހާ ހިސާބުން ދެން ބައްޔާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ބޭނުން ނުވާ ކަމަށް ބައެއް ފަރާތްތަކުން ދެކޭ ކަމަށެވެ.
ކޮވިޑްއިން ރައްކާތެރި ވެވޭނީ ވެކްސިން ޖެހުމަށް އިސްކަން ދީ މާސްކު އަޅާ ގައި ދުރުކަން ވެސް ބަހައްޓައިގެން ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.
އެޖަމާއަތުން ބުނީ މިދިޔަ އަހަރު ކޮވިޑް ފެތުރެން ފެށުމުގެ ކުރިން މީހުން ތަންތަނަށް އެއްވެ އުޅުނު ގޮތަށް މިހާރު ވެސް ޔޫރަޕްގެ ގައުމުތަކުގައި އުޅެމުންދާ ކަމަށާ މިކަމުގެ ސަބަބުން ބަލި އިތުރަށް ފެތުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ޔޫރަޕްގައި ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުން އަންނަ ގައުމުތަކުގެ ތެރޭގައި ނެދަލޭންޑްސް، އޮސްޓްރިއާ އަދި ޖަރުމަނުވިލާތް ހިމެނެއެވެ. މިކަމުގެ ސަބަބުން މިގައުމުތަކުން ކޮވިޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ އިރު އޮސްޓްރިއާގައި ވަނީ ކޮވިޑުން ދިފާއުވުމާ ޖަހާ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ފަރާތްތަކަށް ލޮކްޑައުން ކުރަން ފަށާފައެވެ.