ތައިލޭންޑްގައި މިހާރު އޮތް ވިރާސީ ހާންދާނީ ވެރިކަމާއި އަސްކަރީ ސަރުކާރަށް އިސްލާހީ ބަދަލު ގެނައުމަށް ގޮވާލާ، އެ ގައުމުގެ އެތައް ހާސް ބަޔަކު، މަގުތަކަށް ނިކުމެއްޖެއެވެ.

ތައިލޭންޑްގެ އެތައް ހާސް އާންމުންނެއް މަގުތަކަށް ނިކުމެ، ވިރާސީ އަދި އަސްކަރީ ސަރުކާރަށް އިސްލާހީ ބަދަލު ގެނައުމަށް ގޮވާލާފައި ވާ އިރު، މި ހަރަކާތަކީ، ފަހުގެ ތާރީހެއްގައި ތައިލޭންޑުން ފެނިގެން ދިޔަ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.

އިސްލާހީ ބަދަލަށް ގޮވާލަމުން ދިޔަ މީހުންގެ ބައެއް ޑިމާންޑްތަކަށް ބަލާއިރު، ރަސްގެފާނަށް ފާޑުކިއުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައި އޮންނަ މާއްދާ 112 އުވާލުން ހިމެނެއެވެ.

ޝާހީ އާއިލާގެ ވިރާސާ ވެރިކަމަށް އިސްލާހީ ބަދަލު ގެނައުމަކީ ތައިލޭންޑްގައި އިރެއްގައި "މަނާ" ކަމެއްގެ ގޮތުގައި އާންމުން ސިފަ ކުރި ކަމުގައި ވީ ނަމަވެސް، އަދުގެ ޒުވާނުން ދަނީ އެ މީހުންގެ ޝުއޫރުފާޅުކޮށް، ޑިމާންޑްތައް ހާމަ ކުރަމުންނެވެ.

ތައިލޭންޑްގެ އާންމުން، މަގުތަކަށް ނިކުމެ ހިޔާލު ފާޅު ކުރަމުން ދިޔައިރު، އިންސާނީ ހައްގުތަކަށް ފާރަވެރިވާ ބައިނަލްއަގުވާމީ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ، ތައިލޭންޑްގައި ހައްޔަރު ކޮށްފައިވާ، މުހިންމު ސިޔާސީ އެކްޓިވިސްޓުން މިނިވަން ކުރުމަށް ގޮވާލާ ޕެޓިޝަނަކަށް ސޮއި ހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.