ދުނިޔެ ހޫނުވަމުންދާ ދިއުމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކާ، މާނަހުރި، ބިނާ ކުރަނިވި ފިޔަވަޅުތަކެއް އެޅުމަށް، އިގުތިސޯދީ ގޮތުން ދުނިޔޭގައި އެންމެ ކުރިއަރާފައި ވާ 20 ގައުމުގެ އިއްތިހާދު (ޖީ-20)ގެ ލީޑަރުން އެއްބަސްވެވަޑައިގެންފިއެވެ.
ކަން މިހެން އޮތް ނަމަވެސް، ޖީ-20ގެ ލީޑަރުންގެ ފަރާތްޕުޅުން އެންމެ އެކަށީގެން ވާ ފެންވަރުގެ އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށް ބުނެ، ތިމާވެށީގެ އެކްޓިވިސްޓުން ވަނީ ހިތާމަކުރާ ކަން ހާމަކޮށްފައެވެ.
އިނގިރޭސިވިލާތްވެސް ހިމެނޭ ޖީ-20އިން މިފަދަ އެއްބަސްވުމަކަށް އައިސްފައި ވާ މި ދަނޑިވަޅަކީ، މޫސުމީ ނޭދެވޭ ބަދަލުތަކާ ބެހޭ އދގެ ބޮޑު މަހާސިންތާ ނުވަތަ ކޮޕް26ގެ ބައްދަލުވުން ފަށާފައިވާ ދަނޑިވަޅެވެ. ކޮޕް26 ގެ ހޮސްޓް ކަމުގައި ވާ ހިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ، ގައުމުތަކުގެ ލީޑަރުން ވެވަޑައިގަންނަވާ ވައުދުފުޅުތަކަކީ، "ހޮޅި ވާހަކަތަކަކަށް" ވާން ފަށާފައި ވާ ކަމަށް ސިފަކުރައްވާފައެވެ.
ދުނިޔެ ހޫނުވާ މިންވަރު ކޮންޓްރޯލް ކުރުމަށް އެއްބާރުލުން ދިނުމަށް ގައުމުތަކުން ވާ އަހުދަކީ، ހޫނުވަމުންދާ ގަނޑުތަކުގެ ނިސްބަތުން މަދު ތިކިތަކެއް ކަމަށް ޖޯންސަން ވަނީ ސިފަކުރައްވާފައެވެ.
ކަން މިހެން އޮތް އިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޖީ-20 ސަމިޓުގައި ބިނާކުރަނިވި ބައްދަލުވުންތަކެއް ކުރިއަށް ގެންދެވުނު ކަމަށް ވިދާޅުވެފައެވެ. އަދި މޫސުމީ މައްސަލަތަކުގައި، ކޮޕް26ގައި އިތުރު މަސައްކަތްތަކެއް ކުރެއްވުމަށް އުއްމީދު ކުރައްވައިގެން ހުންނެވި ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.
ޖީ-20ގެ މެންބަރު ގައުމުތަކަކީ، ޖައްވަށް ބޭރު ކުރާ ވިހަ ގޭހުގެ 80 ޕަސެންޓް ހިއްސާ ކުރާ ގައުމުތަކެވެ. ނަމަވެސް، 2050 ވަނަ އަހަރު އަންނައިރު، ވިހަ ގޭސް ބޭރު ކުރާ މިންވަރު ސުން ރޭޓަށް ދަށް ކުރުމުގެ ވައުދެއް، ޖީ-20 އިން އެންމެ ފަހުން ވީ ވައުދުންވެސް ފެންނާކަށް ނެތެވެ.
ޖައްވު ތެރެއަށް އެންމެ ގަދައަށް ވިހަ ގޭސް ބޭރު ކުރަމުން އަންނަ ޗައިނާ އަދި ރަޝިއާއިން ވަނީ، ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރާ މިންވަރު ސުން ރޭޓަށް ދަށް ކުރުމުގެ ސުންގަޑި، 2060 ވަނަ އަހަރަށް ފަސްކޮށްފައެވެ.