މުއްސަނދި ގައުމުތަކުގައި އިތުރު ވެފައި ހުރި ކޮވިޑް ވެކްސިން ޑޯޒްތައް، މިހާރުން މިހާރަށް ވައިގެ މަގުން އުފުލާ، ފަގީރު ގައުމުތަކަށް ފޯރުކޮށްދިނުމަށް، ދުނިޔޭގެ ކުރީގެ ލީޑަރުންނާއި ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގެންފައިވާ މަޝްހޫރުން ޝަހްސުންތަކެއް ގޮވާލައްވައިފިއެވެ.

160 އަށް ވުރެ ގިނަ ކުރީގެ ލީޑަރުންނާއި މަޝްހޫރު ޝަހްސުތަކެއް ހިމެނޭހެން މިކަމަށް ގޮވާލައްވާފައި ވާ އިރު، އެ ބޭފުޅުން ވަނީ، އެއް ބަޔަކު ވެކްސިން އިސްރާފު ކުރަމުން ދާއިރު، އަނެއް ބަޔަކު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޝިކާރައަކަށް ވެ މި ދުނިޔެއާ ވަކިވެގެން ދާ ދިއުމަކީ ސުލޫކީ ހަމަތަކުން ބޭރު ކަމެއް ކަމަށް ސިފަކުރައްވާފައެވެ.

މުއްސަނދި ގައުމުތަކުގައި އިތުރަށް ހުރި ކޮވިޑް ވެކްސިން ޑޯޒްތައް، މިހާރުން މިހާރަށް ވައިގެ މަގުން، ފަގީރު ގައުމުތަކަށް ފޯރުކޮށްދިނުމަށް ގޮވާލައްވާ، ކުރީގެ އިސްވެރިންނާއި މަޝްހޫރު ޝަހްސުން ސިޓީއެއް ލިޔުއްވާފައި ވާ އިރު، މިކަމުގައި އިސްކޮށް ހުންނެވީ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ގޯޑަން ބްރައުންއެވެ.

މި ސިޓީއަކީ ކުރިއަށް އޮތް ހަފުތާ ބަންދުގައި އިޓަލީވިލާތުގެ ރޯމްގައި ފަށާ، އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު (ޖީ-20)ގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާ، އިޓަލީވިލާތުގެ ބޮޑުވަޒީރު މާރިއޯ ޑްރާގީއަށް ލިޔުއްވާފައިވާ ސިޓީއެއް ކަމަށް މައުލޫމާތު ލިބެއެވެ. މި ސިޓީގައި ދުނިޔޭގެ އެކި ގައުމުތަކުގެ ރައީސް ކަން ކުރައްވާފައި ވާ 36 ބޭފުޅަކާ، ކުރީގެ 30 ބޮޑުވަޒީރެއްގެ އިތުރުން، ނުފޫޒުގަދަ 100 ޝަހްސެއް ހިމެނިވަޑައިގަންނަވާ ކަމަށް ހަބަރު ލިބެއެވެ.

ސިޓީގައި ފާހަގަ ކުރައްވާފައި ވާ ކަމަކަށް ބަލާއިރު، މި މަސް ނިމޭއިރު އެމެރިކާ، ވިލާތުގެ އިއްތިހާދު (އީޔޫ)، އިނގިރޭސިވިލާތް އަދި ކެނެޑާގައި ބޭނުން ނުކުރާ 240 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ހުންނާނެއެވެ. ކޮންމެ މަހަކުވެސް އެތައް މިލިއަން ޑޯޒްއެއްގެ ވެކްސިން ފޯރުކޮށްދެވިދާނެ ކަމަށާ، ކުރިއަށް އޮތް 4 މަހެއްހާ ދުވަސް ނިމޭއިރު 1.1 ބިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދެވިދާނެ ކަން ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ.

މި އަމާޒަށް މަސައްކަތް ކުރެވިއްޖެނަމަ، 2021 ވަނަ އަހަރުގެ ބަހާރު މޫސުން އަންނަން ވާއިރު، ދުނިޔޭގެ އާބާދީގެ 70 ޕަސެންޓަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅި އަމާޒަށް ވާސިލުވެވޭނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި މީހުންގެ ހަށިގަނޑަށް 6 ބިލިއަނަށް ވުރެ ގިނަ ކޮވިޑް ވެކްސިން ޑޯޒް ޖަހާފައި ވީ ނަމަވެސް، މީގެ 70 ޕަސެންޓް ހިއްސާ ކުރަނީ މަދު އަދަދެއްގެ މުއްސަނދި ގައުމުތަކުންނެވެ. ދަށް ފަންތީގެ އާމްދަނީ ލިބޭ ފަގީރު ގައުމުތަކުން ކޮވިޑް ވެކްސިންގެ ނަސީބު ލިބިފައި ވަނީ އެންމެ 2 ޕަސެންޓް މީހުންނަށެވެ.