2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެންމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ ރާޅެއް ދުނިޔެއަށް ބިންދާލަމުން އެބަ އަންނަ ކަމަށާ، އެ ރާޅުގައި ޕޭޝަންޓުންނާއި މަރުވާ މީހުންގެ އަދަދުތައްވެސް އިތުރު ވަމުން އަންނަ ކަމުގެ އިންޒާރު، ސްރީލަންކާގެ ސްޓޭޓް މިނިސްޓާ އޮފް ޕްރޮޑަކްޝަން، ސަޕްލައި އެންޑް ރެގިއުލޭޝަން އޮފް ފާމަސޫޓިކަލްސް، ޕްރޮފެސާ ޗަންނާ ޖާޔަސުމަންނާ ދެއްވައިފިއެވެ.

ގިނަ އަދަދަކަށް މީހުން ބައިވެރިވި އިވެންޓެއްގައި ވާހަކަދައްކަވަމުން ޕްރޮފެސާ ޖާޔަސުމަންނާ ވަނީ، ކޭސް ނަމްބަރާއި މަރުވި މީހުންގެ އަދަދު މިވަގުތު ދަށްވި ކަމުގައި ވީ ނަމަވެސް، އެއީ ކޮވިޑް-19ގެ ނިމުން ކަމުގައި ދެކި، ކުށްހީއެއް ނުކުރުމަށް އާންމުންނަށް ގޮވާލައްވާފައެވެ.

ސިއްހީ ގޮތުން އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ކިޔަމަންވުމަށް ގޮވާލައްވަމުން ޕްރޮފެސާ ޖާޔަސުމަންނާ ވަނީ، ސްރީލަންކާއަކީ މީގެ 2 ހަފުތާ ކުރިން، ކޮވިޑް މަރުގެ 200 ކޭސް ރެކޯޑް ކުރި ގައުމެއް ކަން އާންމުންނަށް ހަނދާން ކޮށްދެއްވާފައެވެ.

ކުރިއަށް އޮތް ތަނުގައި ވައިރަހަށް ބަދަލު ނާންނާނެ ކަމަކަށް އެއްވެސް މީހަކަށް ނުބުނެވޭނެ ކަމަށާ، ރައްކާތެރިކަމުގެ ގޮތުން ތަންފީޒު ކުރަން ޖެހޭ ފިޔަވަޅުތަކެއް ހުރި ކަމުގައި ވީ ނަމަވެސް، ދީނީ ހަރަކާތްތަކުގައި މީހުން ބައިވެރިވަމުން ދަނީ އެފަދަ ކަންކަމަށް ފަރުވާލެއް ނުބަހައްޓާ ކަމަށްވެސް ޕްރޮފެސާ ޖާޔަސުމަންނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19ގެ އާ ރާޅެއް ދުނިޔެއަށް ބިންދާލަމުން އަންނަ ކަމަށް ޕްރޮފެސާ ޖާޔަސުމަންނާ ވިދާޅުވި ނަމަވެސް، އެކަމާ ބެހޭ އިތުރު ތަފްސީލުތަކެއް އެނާ ދެއްވާފައެއް ނުވެއެވެ. މި ދަނޑިވަޅަކީ، ކޮވިޑް-19ގެ ހަރުކަށި ލޮކްޑައުން އަމުރަކަށް ފަހު، ވަކި ފިޔަވަޅުތަކަކާއެކު، އަނެއްކާވެސް ސްރީލަންކާ ހުޅުވާލާފައި ވާ ދަނޑިވަޅެކެވެ.

ދުނިޔޭގެ ނިސްބަތުން ކޮވިޑް-19ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން، ފާއިތުވީ 7 ދުވަހުގެ ތެރޭގައި 2798117 ކޭސް ރެކޯޑް ކޮށްފައިވެއެވެ. އޭގެ ކުރީ 7 ދުވަހުގެ ތެރޭގައި ރެކޯޑް ކޮށްފައި ވަނީ 3063568 ކޭހެވެ. މިދިޔަ 7 ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކޮށްފައި ވަނީ އެމެރިކާ، އިނގިރޭސިވިލާތް، ތުރުކީވިލާތް، ރަޝިއާ އަދި އިންޑިއާއިންނެވެ.