އަހަރުތަކަކަށް ފަހު މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑެލްގެ އާ އަލްބަމެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެޑެލްގެ މި އަލްބަމުގައި ހިމެނޭ ލަވަތަކުގެ ތެރެއިން "އީޒީ އޮން މީ" ލަވަ ނެރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގައެވެ.

މި އަލްބަމާގުޅިގެން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިނުވާއިރު "އީޒީ އޮން މީ"ގެ ޓީޒާ ވަނީ ދައްކާލާފައެވެ.

14 ގްރެމީ އެވޯޑްސް ވެސް ހާސިލުކޮށްފައިވާ އެޑެލްގެ އެންމެ ފަހު އަލްބަމް 2015 ވަނަ އަހަރު ނެރެފައިވާއިރު މި އަލްބަމްގެ ނަމަކީ "25"އެވެ.

އެޑެލް ފާހަގަވެފައިވަނީ އުމުރާ ގުޅިގެން އަލްބަމްތައް ނެރޭ ފަންނާނެއްގެ ގޮތުގައެވެ. އެގޮތުން އަލްބަމް "25"އަކީ ޒުވާން އުމުރާ ގުޅުވައިގެން ގެނެސްދިން އަލްބަމެވެ. އެ އަލްބަމް ނެރުނު އިރު އޭނާގެ އުމުރަކީ 27އެވެ.

މިހާތަނަށް ތިން އަލްބަމެއް ގެނެސްދީފައިވާ އެޑެލްގެ އެންމެ ފުރަތަމަ އަލްބަމް ނެރެފައިވަނީ 2008 ވަނަ އަހަރުގައެވެ. އުމުރުން 20 އަހަރުގައި އެޑެލް ނެރުނު މި އަލްބަމަކީ "19"އެވެ.

އެއަށްފަހު އުމުރުން 23ގައި 2011 ވަނަ އަހަރު އޭނާ ނެރުނު އަލްބަމުގެ ނަމަކީ "21"އެވެ.

ކުޅަދާނަ ފަންނާނު އެޑެލްގެ މިފަހަރުގެ އަލްބަމުގެ ނަމަކީ "30" ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.