ހދ. ކުމުންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.

މި މަޝްރޫއުގެ ދަށުން، 14301 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު 242 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި، 198 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ވެސް ހިމެނެއެވެ. މީގެ އިތުރުން ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 35.68 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫއަކީ 210 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.