މިދިޔަ އާދިއްތަ ދުވަހު، އިސްލާމީ މަރުކަޒުގައި ނަމާދަށް ތިއްބާ މިސްކިތައް އަރާ ކުޑަކަމުދިޔަ މީހާ ހައްޔަރުކޮށް، އޭނާގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާ ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި ވަދެ އެތަންތަނަށް ކުޑަކަމުގޮސްފައެވެ. އެ ދެ މިސްކިތުގެ އިތުރުން ރައީސް އޮފީހުގެ ގޭޓް ކުރިމައްޗަށް ވެސް އޭނާ ކުޑަކަމުދިޔައެވެ.

ފުލުހުން މީގެ ކުރިން ބުނީ މިހާތަނަށް ބެލިބެލުމުން އެމީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަން އެނގިފައިވާ ކަމަށެވެ.

އެހެންނަމަވެސް އިއްޔެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެފަދަ ހުރިހާ ކަންތައްތަކަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންގެ ސަބަބުން ހިނގާ ކަންތައްތަކެއް ކަމަށް ވިދާޅުވެފައެވެ.