ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ހާއްސަކޮށްގެން، އަންނަ އަހަރުން ފަށައިގެން، އެމެރިކާއިން، ފައިޒާ ކޮވިޑް ވެކްސިންގެ އިތުރު 500 މިލިއަން ޑޯޒް ހަދިޔާ ކުރާނެ ކަމަށް އެ ގައުމުން ވައުދު ވެއްޖެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން މިކަމަށް ވައުދުވެވަޑައިގަތީ މިހާރު ކުރިއަށްދާ އދގެ 76 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށް ދިޔަ ކޮވިޑް-19 ވާޗުއަލް ސަމިޓްގައެވެ.

އެމެރިކާގެ މި އާ ވައުދާއެކު، އެ ގައުމުން ހިއްސާ ކުރާ ކޮވިޑް ވެކްސިން ޑޯޒްތަކުގެ އަދަދު 1 ބިލިއަނަށް ވުރެ މައްޗަށް އަރާނެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ދުނިޔޭގެ އާބާދީގެ 70 ޕަސެންޓަށް ކޮވިޑް ވެކްސިން ފުރިހަމަ ކޮށްދިނުމަށްޓަކާ 11 ބިލިއަން ޑޯޒްގެ ވެކްސިން ބޭނުން ވާނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، މި ހިނގާ 2021 ވަނަ އަހަރު ނިމޭއިރު، ކޮންމެ ގައުމަކުންވެސް، އެ ގައުމެއްގެ އާބާދީއިން އެންމެ މަދުވެގެން 40 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ފުރިހަމަ ކޮށްދިނުމަށް އަމާޒު ހިފާފައެވެ.

ނަމަވެސް މިހާރު ކަން ހިނގަމުން ދާ ގޮތަށް ބަލާއިރު، އެ އަމާޒު ހާސިލުވުމަކީ، ނާދިރު ކަމެކެވެ.

މުއްސަނދި ގައުމުތަކުގެ އާބާދީގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުންނަށް އެންމެ މަދުވެގެން 1 ޑޯޒްގެ ކޮވިޑް ވެކްސިން ޖަހާދީފައި ވީ ނަމަވެސް، ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ އާބާދީއިން ފުރަތަމަ ޑޯޒްގެ ނަސީބުވެސް ލިބިފައި ވަނީ އެންމެ 2 ޕަސެންޓް މީހުންނަށް ކަމަށް، އޮކްސްފޯޑް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ ޖޫން މަހުގެ ތެރޭގައި، ޖީ-7 ނުވަތަ އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައި ވާ އެންމެ 7 ގައުމުން ވަނީ ފަގީރު ގައުމުތަކަށް 1 ބޮލިއަން ޑޯޒްގެ ވެކްސިން، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށް ވައުދު ވެފައެވެ.

ބައިޑަންވެސް އޭރު ވަނީ، 580 މިލިއަން ޑޯޒްގެ ވައުދެއް ވެވަޑައިގެންފައެވެ. ނަމަވެސް އެމެރިކާއަށް އަދި ފޯރުކޮށްދެވުނީ، މީގެ ތެރެއިން އެންމެ 160 މިލިއަން ޑޯޒް ކަމަށް ހަބަރު ލިބެއެވެ.

ކަން މިހެން އޮތް އިރު، އެމެރިކާގެ ތަޖުރިބާކާރުންގެ ޕެނަލަކުން ވަނީ، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް، ބޫސްޓާ ޑޯޒްއެއް ނުވަތަ ފައިޒާ ވެކްސިންގެ 3 ވަނަ ޑޯޒްއެއް ޖަހަން އިރުޝާދު ދީފައެވެ.

ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދަނީ، މުއްސަނދި ގައުމުތަކުން ބޫސްޓާ ޑޯޒް ޖެހުމުގެ މަޝްރޫއު މަޑުޖައްސާލަން ގޮވާލަމުންނެވެ.