ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ވައި ތަޣައްޔަރުވުމުގެ މައްސަލަ، މީގެ ކުރިން ހީކުރެވިފައި ވާ ދަރަޖައަށް ވުރެ ނުރައްކާ ވެފައި ވާ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.

ހަމަ މި ރޫހުގައި ޑަބްލިއުއެޗްއޯއިން ވަނީ، ވައި ތަޣައްޔަރު ކުރާ ނައިޓްރޮޖަން ޑައިއޮކްސައިޑް ފަދަ މާއްދަތަކުގެ ރައްކާތެރި މިންވަރުތައް ބަޔާން ކުރާ މިންގަނޑުވެސް ކުޑަކޮށްފައެވެ.

ވައި ތަޣައްޔަރު ވުމުގެ ތަކުލީފުތައް އެންމެ ބޮޑަށް އުފުލަމުން ދަނީ ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުންނެވެ. އެހެނީ، މި ގައުމުތަކަކީ، އިގުތިސޯދީ ކުރިއެރުން ހާސިލު ކުރުމަށްޓަކާ، ތިމާވެއްޓާ އެންމެ ރައްޓެހި ނޫން ވަސީލަތްތައް ބޭނުން ކުރަން ޖެހިފައި ވާ ގައުމުތަކަކަށް ވުމެވެ.

ޑަބްލިއުއެޗްއޯއިން ވަނީ، ޖައްވު ހޫނު ކުރާ ވިހަ ގޭސް ވިހަ ބޭރު ކުރާ މިންވަރު ދަށް ކޮށް، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް، އެ ޖަމިއްޔާގެ 194 މެންބަރު ގައުމަށް ގޮވާލާފައެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ހަކަތަ އުފައްދަން ތެޔޮ އެނދުމާއި، ގެދޮރުގެ ފިނި ހޫނުމިން ހިފަހައްޓަން ބޭނުން ކުރާ ނިޒާމްތަކުގެ އިތުރުން އުޅަނދު ފަހަރުތަކުގެ އިންޖީނުތަކުން ބޭރުވާ ޕީއެމް2.5އެސް ގެ މާއްދާއަށް ހުށަހެޅޭނެ ރައްކާތެރި މިންގަނޑު، 2 ބައިކުޅަ 1 ބަޔަށް ކުޑަ ކޮށްފައެވެ.

މައިކްރޯޕާޓިކަލްސްގެ އިތުރު ބާވަތެއް ކަމަށްވާ ޕީއެމް10އެސްއަށް ހުށަހެޅޭ މިންވަރުން 25 ޕަސެންޓްވެސް ވަނީ ދަށް ކޮށްފައެވެ.

ވައި ތަޣައްޔަރު ވުމަކީ ހިތުގެ ބަލިތަކާ ސްޓްރޯކް ފަދަ، ފުރާނައަށް ނުރައްކާތެރި ސިއްހީ ބަލިމަޑުކަމަށްވެސް ވާރުތަ ކުރުވާ ކަމެކެވެ. ކުޑަ ކުދިންނަށް އޮތް ނުރައްކަލަށް ބަލާއިރު، ވައި ތަޣައްޔަރު ވުމަކީ، ފުއްޕާމޭގެ ހެދި ބޮޑުވުމަށް އަސަރު ކުރުވުމުގެ އިތުރުން، ނޭވާ ހިއްލުމުގެ ބަލި އިތުރަށް ބޮޑު ކުރުވާ ކަމެއްވެސް މެއެވެ.