ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަސްޓްރާޒެނީކާ ކުންފުނީގެ ފޯމިއުލާއަށް، އިންޑިއާއިން ތަރައްގީ ކޮށްފައިވާ ކޮވިޝީލް ވެކްސިން ބަލައިގަތުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމައިފިއެވެ.

އިނގިރޭސިވިލާތަށް ދަތުރު ކުރުމާ ބެހޭ ގައިޑްލައިނަށް ގެނައި ބަދަލުގައި، ކޮވިޝީލްޑް ބަލައިގަންނަން ނިންމި ނަމަވެސް، އިންޑިއާ މަގުން އިނގިރޭސިވިލާތަށް ދަތުރު ކުރާ ފަރާތްތަކުން 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ.

ކޮވިޝީލްޑް ބަލައިގަތުމަށް އިނގިރޭސިވިލާތުން މީގެ ކުރިން އިންކާރު ކުރި ކުރުމާ ދެކޮޅަށް، އިންޑިއާއިން ވަނީ ހަރުކަށި ރޫހެއްގައި، ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ. 721 މިލިއަނަށް ވުރެ ގިނަ ޑޯޒް ޖަހާފައި ވާ ކޮވިޝީލްޑް ވެކްސިނަކީ، އިންޑިއާގެ ވެކްސިން ކެމްޕޭންގެ މައި މުލެވެ.

މިވަގުތު އުސޫލު ހަމަޖެހިފައި އޮތް ގޮތުން، 2 ޑޯޒްގެ ވެކްސިން ޖަހާ، ވެކްސިން ފުރިހަމަ ކުރި ކަމުގައި ވީ ނަމަވެސް، އިންޑިއާއަކީ ވެކްސިން ފުރިހަމަ ކޮށްފައި ވާ މީހުން ތިބި ގައުމެއް ކަމުގައި ބަލައެއް ނުގަނައެވެ.

އިންޑިއާއިން ވަނީ، އިނގިރޭސިވިލާތުން ތަފާތު ކުރުން ގެންގުޅޭ ކަމަށާ، 2 ޑޯޒްގެ ވެކްސިން ފުރިހަމަ ކޮށްފައި ވާ މީހުންނަކީ ވެކްސިން ފުރިހަމަ ކޮށްފައި ވާ މީހުން ކަމުގައި ބަލައިގަނެ، އައިސޮލޭޝަނަށް ފޮނުވާލަން ހުއްޓާލަން ޖެހޭ ކަމަށް ބުނެފައެވެ.

ވެކްސިން ފުރިހަމަ ކޮށްފައި ވާ ނަމަ، އިނގިރޭސިވިލާތަށް ދަތުރު ކުރުމުގައި ކަރަންޓީނުން ސަލާމަތްވާ ގައުމުތަކަކާއެކު، އެ ގައުމުން އާ ގަވައިދު އިއުލާން ކުރީ ހުސްވި ހަފުތާގެ ތެރޭގައެވެ. މި ގަވައިދަށް އަމަލު ކުރަން ފަށަން ތާވަލު ކޮށްފައި ވަނީ އޮކްޓޯބަރު 4 ވަނަ ދުވަހުއެވެ. އިސްތިސްނާ ލިބޭ ގައުމުތަކުގެ ލިސްޓުގައި އިންޑިއާ ހިމަނާފައެއް ނުވެއެވެ.