ކެނެޑާގައި ކުރިއަށް ގެންދިޔަ އަވަސް ފެޑެރަލް އިންތިހާބުގައި މިހާރުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ ލިބަރަލް މެންބަރުން މަޖިލީހުގެ 3 ވަނަ ދައުރެއް ކަށަވަރު ކުރައްވާފައި ވާއިރު، މައި އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު، އެރިން އޯޓޫލޭ، ބަލި ގަބޫލު ކުރައްވާ، އެކަން އިއުލާން ކުރައްވައިފިއެވެ.

އޭނާގެ އިންތިހާބީ ދާއިރާގައި ހުންނަވާ، ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން އޯޓޫލޭ ވިދާޅުވީ، މަރުހަބާ ވިދާޅުވުމަށް ޓްރޫޑޯއަށް ފޯނުން ގުޅުއްވާފައި ވާނެ ކަމަށެވެ.

ޓްރޫޑޯގެ ލިބަރަލް މެންބަރުންނަށް ތާއީދު އޮތް ނަމަވެސް، އެކުލަވާލެވެން އޮތީ މައިނޯރިޓީ ސަރުކާރެއް ކަމަށް ހަބަރު ލިބެއެވެ. ޖީއެމްޓީ ގަޑިން ފަތިރު 04:40 ހިނގުމާ ހަމައަށް ވޯޓު ލިބިފައި ވާ ގޮތަށް ބަލާއިރު، މަޖިލީހުގެ 338 ގޮނޑީގެ ތެރެއިން ކޮންޒަވޭޓިވުންނަށް ކަށަވަރު ވެފައި ވަނީ 121 ގޮނޑިއެވެ. ލިބަރަލުން ވަނީ 157 ގޮނޑި ކާމިޔާބު ކޮށްފައެވެ. މެޖޯރިޓީ ނަމްބަރަކީ 170އެވެ.

ލިބަރަލުން ވަނީ، އެ ޕާޓީގެ މެންބަރުންގެ 100 ޕަސެންޓް ތާއީދު، ޓްރޫޑޯއަށް އޮންނާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މެޖޯރިޓީ ނުލިބުނު ކަމުގައި ވީ ނަމަވެސް މެންބަރުންގެ ތާއީދު ފުރިހަމައަށް އޮންނާނެ ކަމަށް ލިބަރަލް އެމްޕީ ޕަބްލޯ ރޮޑްރިގޭޒް ވަނީ ވިދާޅުވެފައެވެ.

ހަނި ތަފާތަކުން ލިބަރަލް ޕާޓީއިން އިންތިހާބުގެ އަޣުލަބިއްޔަތު ކަށަވަރުކޮށް، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއަށް 2 ވަނަ ދައުރެއް ކަށަވަރުކޮށްދިނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ކެނެޑާގެ ބޮޑުވަޒީރުކަމާ 2015 ވަނަ އަހަރު ޓްރޫޑޯ ހަވާލުވެވަޑައިގަތީ ބޮޑެތި ބަދަލުތަކެއް ގައުމަށް ގެނެސްދެއްވާނެ ކަމުގެ ވައުދުތަކާއެކުގައެވެ.