އައްޑޫގައި ތޫނު އެއްޗަކުން ހަމަލާ ދީ މީހަކު ޒަހަމް ކޮށްލުމާ ގުޅިގެން ޒަހަމް ވި މީހާއަށް ފަރުވާ ދެމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އައްޑޫ ސިޓީގެ ފްލެޓް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:08 ހާއިރު ލިބިފައިވާ ކަމަށެވެ. މި މާރާމާރީގައި އަނިޔާ ވެފައި ވަނީ 29 އަހަރުގެ ފިރހެނަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެމީހާ މީހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި އެމީހާއަށް ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ.

އައްޑޫގައި ހިންގި މާރާމާރީގައި މީހާކު ޒަހަމްވި އެޕާޓްމަންޓުގެ ސިޓިންގް ރޫމްގައި ހުރި ލޭ

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ ބަލައި ތަހުގީގު ކުރަމުން ކަމަށް ބުނެއެވެ.

މި މާރާމާރީގެ ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، އެޕާޓްމަންޓްގެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެތަނުގައި ގިނަ އަދަދެއްގެ ލޭ ހުއްތެވެ. އެޕާޓްމަންޓް ތެރޭގަ އާއި ސިޑިމަތީގައި ވެސް ލޭ ހުއްޓެވެ.

ޒަހަމް ވި މީހާއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.