ހއ. އުލިގަމުގައި ކަސްޓަމްސް އޮފީސް އިމާރާތެއް ހުޅުވައިިފިއެވެ.

ކަސްޓަމްސްގެ އެ އޮފީސް ހުޅުވައި ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ. އެ ހަފްލާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އުލިގަމަށް ބަނދަރު ކުރާ ޔޮޓް ފަހަރުން ނަގާ ފީތައް ކުޑަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން އުލިގަމަށް ވަންނަ ޔޮޓްތައް އިތުރުވެ ރަށަށް އެކި ގޮތްގޮތުން ފައިދާ އާއި މަންފާ ބޮޑުވެފައިވާ ކަމަށެވެ.

ހަމައެއާއެކު އުލިގަމު ބަނދަރު ފުޅާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިސްކަން ދެއްވާކަން ފާހަގަކޮށް، މި ސަރުކާރުގެ ތަސައްވުރަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ރާއްޖޭގެ ހުރިހާ ރަށްތަކަށް ޕްރޮފެޝަނަލްކަމާ އެކު ރައްޔިތުންނާ ވީހާ ވެސް ގާތުން އަވަސް ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ތެދުވެރިކަމާ އިހްލާސްތެރިކަމާ އެކީ ކަސްޓަމްސްގެ ހީވާގި އޮފިސަރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަ ކުރައްވާ، މިނިސްޓަރު މާރިޔާ ވަނީ އޮފިސަރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް، އަބްދުﷲ ޝަރީފް ވިދާޅުވީ އަލަށް ގާއިމްކުރި އޮފީހުން އަމާޒް ކުރާނީ އުލިގަމަށް ބަނދަރު ކުރާ ޔޮޓް ފަހަރަށް ލުއި ފަސޭހަ ކަމާއެކު އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، މުސްތަގްބަލްގައި އެ ސަރަހައްދުގައި ބޮންޑެޑް ވެއާހައުސް ގެ ހިދުމަތް ގާއިމްކޮށް ސަރަހައްދުގެ ރިސޯޓްތަކަށް ހިދުމަތްތައް ފުޅާ ކުރާށެވެ.

އުލިގަމު ކަސްޓަމްސް އިމާރާތް ހުޅުވުމާއެކު، އުލިގަމުގައި ސަރުކާރުން ތަރައްޤީ ކުރާ "ޔޮޓް މެރީނާ" ގާއިމް ކުރަން ކުރާ މަސައްކަތް ކާމިޔާބުވުމަށް މަގު ފެހިވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކަސްޓަމްސްގެ ހިދުމަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާ ކުރުމަށް ރައީސް ސޯލިހް ދެއްވާ އަހައްމިއްޔަތު ފާހަގަ ކުރައްވާ އެމަނިކުފާނަށް އޭނާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

އުލިގަމު ކަސްޓަމްސް އިމާރާތް ގާއިމްކުރަން ބަޖެޓުން 5.6 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. މި އިމާރާތުގެ މަސައްކަތް ނިންމައިދީފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަނުންނެވެ.

މި ރަސްމިއްޔާތުގައި މާރިޔާ އާއި އަބްދުﷲ ޝަރީފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަމައެއާއެކު އުލިގަމު ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލްގެ މެމްބަރުން، އަދި އެމްއެންޑީއެފްގެ އިސް އޮފިޝަލުންނާއި ކަސްޓަމްސްގެ އިސް ވެރިންނާއި އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.