އިންޑިއާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅަން އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓުގައެވެ. އެ ވެބްސައިޓުގައި ބުނާ ގޮތުގައި ރާއްޖޭގެ އާ ސަފީރު ކަމަށް އައްޔަން ކުރަން ނިންމާފައި ވަނީ މިހާރު އިންޑިއާއިން އޮމާނަށް ކަނޑަޅާފައި ހުރި ސަފީރު ޝްރީ މުނޫ މަހާވަރެވެ.

ނަމަވެސް އޭނާ މަގާމާ ހަވާލުވެ ވަޑައިގަންނަވާނެ ވަކި ތާރީހެއް ބަޔާންކޮށްފައެވެ ނުވެއެވެ.

އިންޑިއާގެ ސަފީރަކަށް މިހާރު ހުންނަވަނީ، ސަންޖޭ ސުދިރެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގެންފައި ވަނީ މާޗު 5، 2019 ގައެވެ.

މި ސަރުކާރު އައި ފަހުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ވަނީ ގާތް ގުޅުމެއް އިފެދިފައެވެ. އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކަކަށް އިންޑިއާ ސަރުކާރުން އަންނަނީ އެހީ ފޯރުކޮށް ދެމުންނެވެ.

އެ ގޮތުން އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާ އަޅަން ނިންމާފައިވާ ބްރިޖެވެ. 500 މިލިއަން ޑޮލަރުގެ އެ މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.