މެއި 6 ވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭ އިތުރު 3 މީހަކަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

މޭ 2021 ދުވަހު ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ މައްސަލައިގައި އިތުރު ބައެއްގެ މައްޗަށް ދަޢުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން.

މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ އާއި އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް އާއި މ. ކުދެހިގެ، އިސްހަގުގެ މައްޗަށެވެ.

ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީގެ މައްޗަށް ކުރަނީ، ގާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމްގެ މައްޗަށް ކުރަނީ، ގާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 07 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ހިމެނޭ މ. ކުދެހިގެ، އިސްހާގުގެ މައްޗަށް 3 ދައުވާއެއް ކުރެއެވެ. އެއީ؛

ގާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއާއި، ގާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ޤާނޫނުގެ 07 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއާއި ގާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މި މީހުންގެ މައްސަލަ ކޯޓަށް ފޮނުވާފައި ވާއިރު މެއި 6 ގެ ކޭސްއާ ގުޅިގެން މިހާރުވެސް 5 މީހަކަށް ދައުވާ ކުރަން ވަނީ ފޮނުވާފައެވެ. އެއީ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތިކަމަށް ތުހުމަތުވާ އަދުހަމް އަހުމަދު ރަޝީދު (26) ހިޔާ، ވ. ތިނަދޫ، މުޖާޒު އަހުމަދު (21) މއ. ފޭރުގެ، ތަހުމީން އަހުމަދު (32) ގއ. ކޮނޑޭ، ފޮޅޭމާ، އަހްމަދު ފާތިހު (23) ލ. ގަން، ދުންފިނިއުފާއެވެ. މީގެ އިތުރުން ނ.މަނަދޫ ނޫރީގޭ އަލީ ހައިޝަމް އަށް ދައުވާ ކުރަންވެސް ވަނީ ފޮނުވާފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މެއި މަހު 6 ވަނަ ދުވަހު ދިން ހަމަލާ އާ ގުޅިގެން ހައްޔަރު ކޮށްފައިވާ ބައެއް މީހުން ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުން ހަދަން ހުށަހަޅާފައިވާ ކަމަށާއި އެއީ ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ކަމަށް ޕީޖީ ވިދާޅުވެއެވެ. އިއުތިރާފް އެއްބަސްވުން ގައިމު ކުރުމުން އޭނާއަށް އަންނާނީ 23 އަހަރުގެ ހުކުމެކެވެ. އިއުތިރާފުން ރުޖޫއަވެއްޖެނަމަ 37 އަހަރުގެ ހުކުމެއް އަންނާނެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވި ކަމަށާއި އަވަސް ފަރުވާ ނުދެވުނު ނަމަ ނަޝީދުގެ ފުރާނަފުޅު ސަލާމަތް ނުކުރެވުނީސް ކަމަށް އެންމެ ފުރަތަމަ ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. މިޙާރު ނަޝީދު އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވާއިރު، އެމަނިކުފާނު ވިދާޅުވެފައި ވަނީ އެހަމަލާގެ ސަބަބުން ލިބިވަޑައިގެންނެވި އަނިޔާގެ ސަބަބުން ކަނާއަތްޕުޅުގެ 3 އިންގިއްޔެއްގެ އައްސިކަން ހުންނަ ކަމަށެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެއެވެ.