ހުޅުމާލޭގައި ބަޔަކު މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.

މިހާދިސާގައި އަނިޔާވި މީހާގެ ވީޑިއޯ ކްލިޕެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އަނިޔާވެފައި ވާ މީހާ އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އެމީހާ ބޮލުގައި އަތް އަޅައިގެން އުޅޭ އިރު އަނިޔާ ވެފައި ވަނީ ބޮލަށް ކަމަށް ބެލެވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، ހުޅުމާލޭގައި ހިނގި މާރާމާރިއެއްގައި މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިރޭ 8:24 ހާއިރު ލިބިފައިވާ ކަމަށެވެ. އަނިޔާވެފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާވި މީހާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.