ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ މަރަށް އިންސާފު ހޯދުމަށްޓަކައި އެމަނިކުފާނުގެ މަރުގެ މައްސަލަ އިންތިގާލީ އޮފީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ އެ އޮފީހަށް ހުށަހަޅާފައި ވަނީ މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
ބޮންޑޭ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ގޮތެއްގައި ހިންގި އަމަލެއްގެ ސަބަބުން އިންސާނީ ހައްގެއް ނިގުޅައިގެންފައި ވާތީ ރައީސް އަމީނާ މެދު ދައުލަތުން އަމަލުކޮށްފައިވާ ގޮތް އިތުރަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ. ރައީސް އަމީނަކީ ހާއިނެއް ކަމަށް ބުނެ ކޮށްފައިވާ ހުކުމް ބާތިލު ކުރުމަށް ވެސް އެ މައްސަލައިގައި ބޮންޑޭ އެދިވަޑައިގެންފައި ވެއެވެ.
ރައީސް އަމީން ރާއްޖޭގެ ވެރިކަން ކުރައްވާފައި ވަނީ 1953 ވަަނަ އަހަރުއެވެ. އެމަނިކުފާނު ވެރިކަން ކުރެއްވީ 8 މަސް ދުވަހުގެ މުއްދަތަކަށެވެ. އެއާއެކު ވެރިކަމުން ދުރުކުރުމަށް އަވަހާރަަވީ ވިހަމަނާފުށީ ގައި ހުންނަވަނި ކޮށެވެ. އެއީ މިހާރުގެ ކުރުނބާ އައިލެންޑް ރިސޯޓެވެ.
އަމީން ދީދީއަށް އިންސާފް ހޯދައި ދިނުމަށް މައްސަލައެއް ބޮންޑޭ ހުށަހަޅުއްވާފައި ވާއިރު، އޭނާ ވަނީ ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު ޓީވީއެމްއަށް ފުލުހުންނާއި ސިފައިން ވަދެ އެތަން ހިސޯރުކުރި މައްސަލަ ބަލަން ވެސް އިންތިގާލީ އޮފީހަށް ހުށަހަޅުއްވާފައެވެ.