އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ޗައިނާގެ ރައީސް ޝީ ޖީންޕިންގްއާ ދެބޭފުޅުން، 7 މަސްދުވަހަށް ފަހު، ފުރަތަމަ ފަހަރަށް ފޯނު މެދުވެރި ކުރައްވާ މަޝްވަރާ ކުރައްވާ ފައި ވާ ކަން، އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓްހައުސް އިން ކަށަވަރު ކޮށްދީފިއެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ 2 ގައުމުގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާއާއި ޗައިނާގެ އެންމެ އިސް ލީޑަރުންގެ މެދުގައި ކުރިއަށް ގެންދެވި ފޯނު ކޯލުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ، ދޭދޭ ވާދަވެރިކަމަކީ، އިތުރު ހަމަނުޖެހުމެއްގެ އަސްލު ކަމުގައި ވިޔަ ނުދިނުމުގެ މައްޗަށް ކަމަށް ހަބަރު ލިބެއެވެ.

މިއީ މި އަހަރުގެ ޖެނުއަރީ މަހު، އެމެރިކާގެ ރިޔާސަތާ ބައިޑަން ހަވާލުވެވަޑައިގެންނެވި ފަހުން، ޝީއާއި ފޯނުން ގުޅުއްވާ، މަޝްވަރާ ކުރެއްވި 2 ވަނަ ފަހަރެވެ. އެންމެ ފަހުން މިފަދަ މަޝްވަރާތަކެއް ކުރިއަށް ގެންދެވީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

ޝީއާއި ބައިޑަންގެ ފުރަތަމަ ފޯނު ކޯލުގައި ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ސަރުކާރާ ގުޅިގެން އެމެރިކާގެ އަދުގެ ސަރުކާރުގައި ހުރި ކަންބޮޑުވުންތައް، ބައިޑަން ހިއްސާ ކުރެއްވި ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ޗައިނާއިން އަމަލުތައް ބަހައްޓާ ހުދުމުހުތާރު އުސުޅުތަކާއި، ހައްގުތަކަށް އަރައިގަންނަމުންދާ ދިއުމުގައި އެމެރިކާގައި އޮތް ކަންބޮޑުވުންތައް ބައިޑަން ވަނީ ޝީއާ ހިއްސާ ކުރައްވާފައެވެ.

އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ކުރިއެރުމާއި ސިއްހަތު ކަށަވަރު ކުރުމަށް އެމެރިކާއިން ދޭ ހާއްސަ ސަމާލުކަމާއި، އިންޑޯ-ޕެސިފިކް ސަރަހައްދުގެ މިނިވަންކަން ނެގެހެއްޓުމަށް އެމެރިކާއިން ދޭ އަހައްމިއްޔަތު ކަމުގެ މައްޗަށްވެސް ޝީއާ ފޯނުން ގުޅުއްވައިގެން ބައިޑަން ދެއްކެވި ވާހަކަފުޅުގައި އަލިއަޅުވާލެއްވި ކަމަށް ވައިޓްހައުސްއިން އޭރު ވަނީ ހާމަކޮށްފައެވެ.

ނަމަވެސް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާއި އިންސާނީ ހައްގުތައް ފަދަ މައްސަލަތަކުގައި، މާ ބޮޑު ކުރިއެރުންތަކެއް، އެ މަޝްވަރާތަކަށްފަހު އަދާ ޖެހުނު އިރުވެސް، ހާސިލު ވެފައި ނުވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ބައިޑަންއާއި ޝީގެ 2 ވަނަ ފޯނު ކޯލު މިއަދު ހެނދުނުގެ ވަގުތެއްގައި ކުރިއަށް ގެންދަވާފައި ވާ އިރު، މިކަމާ ބެހޭ އިތުރު ތަފްސީލުތަކެއް ދެ ގައުމުންވެސް ހާމަ ކޮށްފައެއް ނުވެއެވެ.