ގްރޭޑް 7، 8، 9 ގެ ދަރިވަރުންގެ މެދުގައި ޔުނެސްކޯ އިން ހިންގި ޕައިލެޓް ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓުވުމަށް ގޮވާލައި ރައްޔިތުންގެ އިއްތިހާދުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުވައިފިއެވެ.

ރައްޔިތުންގެ އިއްތިހާދުން މި ސިޓީ ފޮނުވާފައި ވަނީ ގްރޭޑް 7، 8، 9 ގެ ދަރިވަރުންގެ މެދުގައި ޔުނެސްކޯއިން ހިންގި ޕައިލެޓް ޕްރޮޖެކްޓެއްގައި "މާތްﷲ ވޮޑިގެންވޭތޯ ނުވޭތޯ" ޝައްކު އުފައްދާ ދަރިވަރުންގެ ދީނީ އަގީދާ ހަލާކުކޮށް އިލްހާދު ފަތުރަން މަސައްކަތް ކުރާތީ ކަމަށް ބުނެފައި ވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ތައުލީމީ މުގައްރަރު ލާދީނީ ކުރުމަށް ކުރަމުން ގެންދާ ޣައިރު ގާނޫނީ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލައި، ޔުނެސްކޯއަށް ގާނޫނީ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ އިއްތިހާދުން ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

ހަމައެއާއެކު "ގްލޯބަލް ސިޓިޒަން މޮޑިއުލް" ގެ ނަމުގައި ފާޅުގައި އެތީޒަމް ކުޑަ ކުދިންގެ ހިތްތަކަށް ވައްދާ، ﷲ ވޮޑިގެން ނުވާ ކަމަށް ގަބޫލު ކުރާ ފިކުރުތައް ގަސްތުގައި ރާވައިގެން އެކުދިންގެ ބޮލަށް ވައްދަން މަސައްކަތް ކުރިކަން ވަނީ ބޭޒާރުވެފައި ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ. އަދި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނާއި ގަވާއިދު ހިމާޔަތް ކުރުމުގެ ގޮތުން، އެފަދަ ކަމެއް ހިންގުމަކީ ވަގުތުން ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް ކަމަށް ވެސް ރައްޔިތުންގެ އިއްތިހާދުން ބުނެފައި ވެއެވެ.

އެހެންކަމުން އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް އެ ސިޓީގައި ބުނެފައި ވެއެވެ. އަދި އެކަމުގެ ހެކިވެސް ޕޮލިސް ކަމިޝަނަރަށް ފޮނުވި ސިޓީއާއެކު އެޓޭޗް ކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، އިސްލާމް ފޮތުގައި ގުރުއާނުގެ މާނަ އޮޅުވާލާފައި ހުރި މައްސަލަ ވެސް އެ ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ބައެއް ފޮތްތަކުގައި ގުރުއާން ނުބައިކޮށް ލިޔެފައި ހުރި ކަން އެނގިފައިވާ ދަނޑިވަޅެއްގައި މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައި ވެއެވެ.

މިފަދަ މައްސަލަތަކެއް ކުރިމަތިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަންނަނީ ގިނަ އިލްމުވެރިން ގޮވާލަމުންނެވެ. އެކި ގްރޭޑްތަކުގެ އިސްލާމް އަދި ގުރުއާން ފޮތުގައި ހުރި ކުށުގެ މައްސަލަތައް ފެންމަތިވުމުގެ ސަބަބުން އެޑިއުކޭޝަނުން ވަނީ އެ ފޮތްތަކުގައި ހުރި ކުށްތަކުގެ މައްސަލަ ބަލައި ފޮތްތައް ރިވިއު ކުރުމަށް ކޮމިޓީއެއް އުފައްދާފައެވެ. އަދި މި މައްސަލައިގައި އިހުމާލުވި ފަރާތްތައް ދެެނެގަތުމުގެ މަސައްކަތް ވެސް އެޑިއުކޭޝަނުން ވަނީ ފަށާފައެވެ.

މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައި ވަނީ ޔުނެސްކޯއިން އުފެއްދި ސްލައިޑްތައް ދަރިވަރުންނާ ހަމައަށް ފޯރާފައި ނުވާ ކަމަށާއި، އެ ލިބުނީ ހަމަ އެކަނި ފޯކަލް ޕޮއިންޓްތަކަށް ކަމަށެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އެ ސްލައިޑްތަކަކީ ކޮވިޑްތެރޭގައި މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ހިންގަން އަމާޒު ކޮށްގެން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ވެސް ބައިވެރިވުމާއެކު ތައްޔާރު ކުރި ސްލައިޑްތަކެކެވެ.