އެޗްޑީސީގެ ހުއްދައާއެކު ހިޔާ ފްލެޓްތަކަށް މުދާ ވައްދާ ފިނިޝިން މަސައްކަތް ކުރާ ފަރާތްތަކުން އެތަނުގައި އެފެދޭ ގާކުނޑި އުކަން ވަކި ސަރަހައްދުތަކެއް ހަމަޖައްސައިފިއެވެ.

އެޗްޑީސީން މިގޮތަށް ހަމަޖައްސާފައި ވަނީ ފްލެޓްތަކުގައި ކުރާ މަސައްކަތްތަކުން އުފެދޭ ކުނި ބުނި، ބައެއް ފަރާތްތަކުން ފްލެތްތަކުގެ ކައިރިން އެކި ސަރަހައްދުތަކަށް އަޅަމުން ދާތީ އެކަން ހުއްޓުވައި އެ ސަރަހައްދުގައި މީހުންނަށް ދަތި ނުވާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށެވެ.

ހިޔާ ފްލެޓްގައި ކުރާ މަސައްކަތްތަކުން އުފެދޭ ގާކުނޑި އުކަން ހަމަޖައްސާފައިވާ ސަރަހައްދުތައް

އެޗްޑީސީން ބުނީ، ގާކުނޑި އެޅުމަށް 6 ސަރަހައްދެއް އެ ފްލެޓްތައް ކައިރިން ހަމަޖައްސާފައިވާ ކަމަށެވެ. އެޗްޑީސީން ވަނީ މި ސަރަހައްދުތައް ދެނެގަންނަން ފަސޭހަ ވާނެ ގޮތަށް ޗާޓެއް ނެރެފައެވެ.

އެ ޗާޓުން ދައްކާ ގޮތުގައި ޓަވަރު 3 އަކާއި 4 އެއްގެ ކައިރީގައި ގާކުނޑި އަޅަން ހާއްސަ ތަނެއް ހަމަޖައްސާފައިވާ ވެއެވެ. އަދި ޓަވަރު 12 އަދި 8 އާ ދެމެދުގައި ގާކުނޑި އަޅަން ދެ ސްޕޮޓެއް ހަމަޖައްސާފައި ވެއެވެ. ހަމައެއާއެކު ޓަވަރު 10 އާއި 6 އާ ދެމެދަށް ވާ ގޮތަށް ދެ ސްޕޮޓެއް ވަނީ ހަމަޖައްސާފަައެވެ. މީގެ އިތުރުން ޓަވަރު 13 އާއި 14 ކައިރީ އެއް ސްޕޮޓް އަދި ޓަވަރު 16 އާއި 15 ކައިރީ އެއް ސްޕޮޓް ވަނީ ހަމަޖައްސާފައެވެ.

ހިޔާ ފްލެޓްގައި ކުރާ މަސައްކަތްތަކުން އުފެދޭ ގާކުނޑި ފްލެޓް ކައިރިއަށް އެއްކޮށްފައި ހުއްޓާ / ފޮޓޯ: ދަ ޕްރެސް

ގާކުނޑި އަޅަން ވަކި ސަރަހައްދެއް އެޗްޑީސީން ހަމަޖައްސާފައި ވާ އިރު، 16 ޓަވަރުގެ ފްލެޓުތަކަށް ދެވެން އޮންނަ ހުރިހާ މަގުތަކެއްގެ އަރިމަތީގައި މިހާރު ހުރީ ގާކުނޑިއެވެ. މިހާރުވެސް ގާކުނޑި އަޅަން ދެ ފްލެޓް ދޭތެރެއަށް ވާނެހެން ޓިނުން ކޮށި ހަދާފައި ހުއްޓަސް ހިނގާބިނގާވެ ހަދަން އޮންނަ މަގަށް ވާނެހެންވެސް އެކި މީހުން ވަނީ ކުނި އަޅާފައެެވ.

މި ވަގުތު ހިޔާ ފްލެޓަށް ބައެއް އާއިލާތަކުން ދިރިއުޅުން ބަދަލު ކޮށްފައިވާ އިރު، ފިނިޝިން މަސައްކަތް ކުރުމުގައި އުފެދޭ ކުނި ބުނި އެޅުމަށް ވަކި ނިޒާމެއް ހަމަޖައްސާފައި މިވަނީ ފްލެޓްތަކަށް މީހުން ވަދެ ނުކުތުމުގައި އެއްވެސް ދަތިކަމެއް ފޯރިޔަ ނުދިނުމަށެވެ.