ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް އިސްލާމިކް މިނިސްޓްރީން އިތުރު އިސްލާހުތަކެއް ހުށަހަޅައިފިއެވެ.
މި އިސްލާހުތައް ހުށަހަޅާފައި ވަނީ އެޓާނީ ޖެނެރަލް އޮފީހުން ބޭއްވި ބައްދަލުވުމުގެ ތެރެއިން މިއަދުއެވެ. މިއަދު އޭޖީން ބޭއްވި ބައްދަލުވުމުގައި އެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ގެންނަން ނިންމާފައިވާ އިސްލާހުތައް އިތުރަށް ފުރިހަމަ ކުރުމަށް މަޝްވަރާ ކޮށްފަިއވާ ކަމަށް އޭޖީން ބުނެއެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީއާ އެކު ކުރި މަޝްވަރާގެ ތެރެއިން މިއަދު އިތުރު އިސްލާހުތަކެއް ގެނައުމަށް އެއްބަސް ވި ކަމަށް އޭޖީން ބުނެއެވެ. އަދި އެ އިސްލާހުތައް މިހާރު ވަނީ ކޮމިޓީއާ ހިއްސާކޮށްފައި ކަމަށް ވެސް އޭޖީން ބުނެއެވެ. ނަމަވެސް އެ އިސްލާހުތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް އޭޖީން ހިއްސާއެއް ނުކުރެއެވެ.
ނަފްރަތު ބިލު ދިރާސާ ކުރުމަށް ފަހު އިސްލާހުތައް ގެނައުމަށް ބަންޑާރަ ނައިބު ބޭއްވި ސިލްސިލާ ބައްދަލުވުންތައް މިއަދު ވަނީ ނިންމާލައިފައި ކަމަށް އޭޖީން ބުނެއެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.
އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެބިލަށް މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ 3 އިސްލާހެއް ހުށަހަޅާފައެވެ. އެއީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުން ލިބުމަށް މަގުފަހިވާ ފަދަ ކުށްތައް މަނާ ކުރުމެވެ. ހަމައެއާއެކު އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާއޮ ނުބައިކަންކަން ނަހީ ކުރުމުގެ މަތިވެރި ވާޖިބަށް ހުރަސް އެޅޭ ފަދަ މާއްދާތައް އިސްލާހު ކުރުމަށެވެ. އަދި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެބިލުގައި ހިމެނުމަށެވެ.