ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ހުރި ރިކޮމެންޑޭޝަންތަކަށް އަމަލުކުރަމުންދާ ގޮތުގެ މައުލޫމާތު ސަރުކާރުން ހިއްސާކޮށްފިއެވެ.
މިއަދު 241 ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރިޕޯޓުގައިވާ ހުށަހެޅުންތަކާ ގުޅިގެން ސަރުކާރުން އަމަލުކުރަމުންދާ ކަންކަމުމުގެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސްއަށް ފެނިވަޑައިގަންނަވާތީ އެކަމާ ގުޅޭ ގޮތުން ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން އެ ކަރުދާހުގައިވާ ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކަކީ ހަމައެކަނި ކޮމިޓީގެ މެންބަރުންނާ ހިއްސާކުރަން ބޭނުންވާ މައުލޫމާތު ކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެހެންކަމުން އެ ކަރުދާހާ ގުޅިގެން ކޮމިޓީގައި ކުރިއަށް ގެންދިޔަ ބައްދަލުވުން މިއަދު ވަނީ ސިއްރުކޮށްފައެވެ. މިއަދުގެ ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއެވެ.
މަޖިލިޙުގެ 241 ކޮމިޓީން ތައްޔާރުކޮށް އާންމު ކުރި ރިޕޯޓުގައި ވަނީ ރައީސް ނަޝީދަށް ހަމަލާއެއް އައިސްދާނެ ކަމުގެ އިންޒާރުތައް ލިބެމުން އަންނަ ކަން ފާހަގަ ކޮށްފައެވެ. އަދި އެ އިންޒާރުތައް އެނގި ހުރެ ސަލާމަތީ ބާރުތަކުން ކަން ކޮށްފަިއވާ ގޮތާއި މައުލޫމާތު ހިއްސާ ކުރުމުގައި ހުރި ލޫޕްހޯލްތައް ވެސް ފާހަގަ ކޮށްފައެވެ. އެގޮތުން ދައުލަތުގެ އިދާރާތަކާއި އިސްވެރިންގެ އިހުމާލު އޮތް މިނަވަރުވެސް އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
އެ ރިޕޯޓުގައި ހުށަހަޅާފައިވާ ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ ކަންކަމާ ގުޅޭ ގޮތުން 29 ރިކޮމެންޑޭޝަނެއް ހުށަހަޅާފައި ވެއެވެ. ހަމައެއާއެކު ފައިނޭންޝަލް ކަންކަމާ ގުޅުން ހުރި 6 ރިކޮމެންޑޭޝަންއަކާއި ރައީސް ނަޝީދުގެ ސެކިއުރިޓީއާ ހަރުދަނާ ކުރުމަށް 10 ރިކޮމެންޑޭޝަނެއް ވަނީ ހުށަހަޅާފައެވެ.
ރިޕޯޓުގައި ޖުމްލަ 45 ރިކޮމެންޑޭޝަނެއް ހުށަހަޅާފައިވާ އިރު އޭގެތެރެއިން 38 ހުށަހެޅުމަކަށް އަމަލުކުރަމުންދާ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގަިއ ވަނީ ފާހަގަ ކޮށްފައވެ. ނަމަވެސް އެއީ ކޮން ރިކޮމެންޑޭޝަންތަކެއް ކަމަެއް ހާމައެއް ނުކުރައްވައެވެ. މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން 10 މީހަކު ހައްޔަރު ކޮށްފައި ވާއިރު 4 މީހަަކަށް ވަނީ ދައުވާ ކުރަން ފޮނުވާފައެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު، މުޖާޒް އަހުމަދު، ތަހުމީން އަހުމަދު އަދި އަލީ ހައިޝަމްއެވެ. މި 4 މީހުންގެ ތެރެއިން އަދުހަމްގެ މައްޗަށް 4 ދައުވާއެއް ކުރަން ނިންމާފައި ވާއިރު މުޖާޒްގެ މައްޗަށް 2 ދައުވާއެއް، އަދި ތަހުމީންގެ މައްޗަށް 4 ދައުވާއެއް ކުރަން ނިންމާފައި ވާއިރު ހައިޝަމްގެ މައްޗަށް 3 ދައުވާ ކުރަން ވަނީ ނިންމާފައެވެ.