އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ޝަރުތު ހަމަނުވާ ކަމަށް ނިންމި ނިންމުން އެމްޑީޕީ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހުން ބެލުމަށް ނިންމައިފިއެވެ.

އެމްޑީޕީން މަހުލޫފަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހުން މަހްލޫފް ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ބަލަން މިރޭ 8:30 ގައި ކޮމެޓީ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް ހުޅުވާލާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. މަހްލޫފް ވާދަކުރައްވަން ނިންމެވީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހްލޫފަށް ވާދަ ނުކުރެވޭނެ ކަމަށް ނިންމުމުން އޭނާ ވަނީ އެމްޑީޕީއަށާއި އޭސީސީއަށް މައްސަލަ ހުށަހަޅާފައެވެ. އެމްޑީޕީން މައްސަލަ ބަލއި ނިންމުމަށް ފަހު ބުނެފައި ވަނީ އޭނާގެ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައެއް އޭސީސީން ބަލަމުން ދާތީ އިންތިހާބުގައި ވާދަކުރާ މެންބަރަކަށް މަހްލޫފްގެ ޝަރުތު ހަމަނުވާ ކަމަށެވެ.

އީސީން މައްސަލަ ބަލައި ނިންމުމަށް ފަހު ބުނެފައި ވަނީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ މެންބަރަކަށް ޝަރުތުތަކެއް ކަނޑައަޅާ ނަމަ އެ މަގާމަށް މީހުން އިންތިހާބު ކުރާނެ ގޮތުގެ އުސޫލެއް އަސާސީ ގަވާއިދުގައި ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެމްޑީޕީގެ މެންބަރުކަން ފިޔަވައި ވަކި ހާއްސަ ޝަރުތެއް ބަޔާންކޮށްފައިނުވާ ކަމަށް އީސީން ބުނެފައި ވެއެވެ.

އީސީން އެމްޑިޕީއަށް ފޮނުވި ސިޓީގައި މިގޮތަށް ބަޔާންކޮށްފަިއ އޮތް ނަމަވެސް އެމްޑީޕީން ވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އާންމުކޮށްފައެވެ.