ސ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، ސ .ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކެއްގެ ހަސްމަކާ، ސ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު ހާޝިމް، ބައްދަލު ކުރެއްވި ކަމަށް ބުނާ މައްސަލައެއް ތަހްގީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމަށް ކޮމިޓީއެއް މި މަހުގެ 1 ވަނަ ދުވަހު އެކުލަވާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

މި ގޮތަށް ނިންމީ ޖޭއެސްސީން މި މަހުގެ 1 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަން ގެ 66 ވަނަ ބައްދަލުވުމުގައެވެ.

ފަހަކަށް އައިސް ޖޭއެސްސީން އަންނަނީ މިފަދަ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އެގޮތުން މި ދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިބްރާހީމް ނަފީސް ހުސައިންގެ ސުލޫކީ މައްސަލައެއް އެ ކޮމިޝަނުން ވަނީ ބަލަން ފަށާފައެވެ.

މި ސަރުކާރު އައި ފަހުން ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް ބަލަމުން އަންނަ އިރު ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. ހަމައެއާއެކު ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވެސް ވަކިކޮށްފައެވެ. ޖޭއެސްސީން ބުނެފައި ވަނީ، ފަނޑިޔާރުންގެ ތެރޭގައި ތަފާތުކުރުމެއް ނެތި، ގާނޫނުއަސާސީއާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެން ފަނޑިޔާރުންގެ މައްސަލަަތައް ބަލަމުންދާނެ ކަމަށެވެ.