މި އަހަރު ދަރިވަރުންނަށް ދިން ބައެއް ފޮތްތަކުގައި ހުރި ކުށްތަކުގެ އަޑު ގަދަވަމުން އަންނަނިކޮށް އަނެއްކާވެސް ގުރުއާން ފޮތަކާއި އިސްލާމް ފޮތެއްގައި ކުށެއް އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ގްރޭޑް 2 ގެ ގުރުއާން ފޮތުގައިވާ ކުށެއް ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި ފަހަރު މައްސަލަ ފެނިފައިވަނީ ގްރޭޑް 2 ގެ ގުރުއާން މާއްދާގެ ދަރިވަރުންގެ ފޮތުން ކަމަށެވެ. އެ ފޮތުގައި އަލަގު ސޫރަތުގެ 19 ވަނަ އާޔަތުގެ، ފުރަތަމަ ލަފްޒު ( كلا ) އުނިވެފައިވާ ކަމަށެވެ.

ގްރޭޑް 2 ގެ ގުރުއާން ފޮތުގައި ސޫރަތުލް އަލަގް ލިޔެފައިވާ އިރު އޭގައި ކުށެއް ނެތެވެ. ނަމަވެސް ޝަހީމް ފާހަގަ ކުރެއްވި ކުށަކީ ދަރިވަރުން ހަދަން ދީފައިވާ ތަމްރީންގައި ވާ ކުށެކެވެ. އެ ކުށަކީ އެ ފޮތުގެ 83 ވަނަ ސޮފްހާގައި ފެންނަން އޮތް ކުށެކެވެ. މި ކުށް މިދިޔަ އަހަރު ގްރޭޑް 2 ގެ ފޮތުގައި ވެސް އޮތެވެ.

ގްރޭޑްގެ 2 ގެ ގުރުއާން ދަރިވަރުންގެ ފޮތުން ފާހަގަ ކުރެވުނު ކުށެއް ދައްކުވައިދޭ ފޮޓޯއެއް

ހަމައެއާއެކު ގްރޭޑް 10ގެ އިސްލާމީ ތަރުބިއްތު ފޮތުގައި ވެސް އޮތް ކުށެއްގެ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެއީ އެ ފޮތުގެ 52 ވަނަ ސޮފްހާގައި ވާ އިސްލާމީ އަގީދާގެ ބައިގެ ފިލާވަޅުގައި ލިޔެފައިވާ ސޫރަތުލް މާއިދާ ގެ 3 ވަނަ އާޔަތުގައި އޮތް ކުށެކެވެ.

މިއަދު ގްރޭޑް 12 ގެ އިސްލާމް ފޮތުގައި ލިޔެފައިވާ ގުރުއާނުގެ އާޔަތެއްގައި ވެސް ކުށެއް އޮތް ކަން ވަނީ ޝަހީމް ފާހަގަ ކުރައްވާފައެވެ. އަދި އަވަސް ފުރުސަތެއްގައި އެކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ގްރޭޑް 10 ގެ އިސްލާމް ފޮތުގައި ލިޔެފައިވާ އާޔަތުގެ ކުށް ދައްކުވައިދޭ ފޮޓޯއެއް

މިއަހަރު ދަރިވަރުންނަށް އިސްލާމް ދިވެހި އަދި ގުރުއާން ފޮތްތައް ހަވާލުކޮށްފައި ވަނީ ސްކޫލް ހުޅުވުނު ފަހުންނެވެ.

ފޮތްތައް ފަހުން ހަވާލު ކުރި އިރު މި ފަދަ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އެ ގޮތުން މިއަދު ގްރޭޑް 1 ގެ ގުރުއާން ފޮތުގައި ވެސް ދެ ސޫރަތެއްގެ އާޔަތްތައް އޮޅިފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

ގާރޭޑް 1 ގެ ގުރުއާން ފޮތުގެ މައްސަލައާ ގުޅިގެން އެޑިއުކޭޝަނުން ބުނެފައި ވަނީ ފޮތްތަކުގެ އެ ސޮފްހާ ބަދަލު ކުރާނެ ކަމަށާއި އެކަން ކުރާނެ ގޮތް ބެލެނިވެރިންނާ ހިއްސާ ކުރާނެ ކަމަށެވެ.