ގްރޭޑް 12 ގެ ދަރިވަރުންގެ އިސްލާމް ފޮތުގައި ވެސް އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ މައްސަލަ ހާމަ ކުރައްވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވަނީ ނުބައިކޮށް ލިޔެފައި ކަަމަށެވެ. އަދި އަވަސް ފުރުސަތެއްގައި އެކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ގްރޭޑް 12 ގެ އިސްލާމް މައްދާގެ ދަރިވަރުން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައި ވަނީ އެ ފޮތުގެ 39 ވަނަ ސޮފްހާގައެވެ. އެއީ އަސްހާބު ބޭކަލުންނާ މެދު ސުންނަތް ޖަމާއަތުގެ އަގީދާ ފިލާވަޅުގައި ލިޔެފައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތެވެ.

ގްރޭޑް 12 ގެ އިސްލާމް ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ފެންމަތިވި އިރު މިއަދު ވަނީ ގްރޭޑް 1 ގެ ގުރުއާން ފޮތުގައި ލިޔެފައިވާ ދެ ސޫރަތެއް މައްސުނި ވެފައި އޮތް މައްސަލައެއްވެސް ފެންމަތިވެފައެވެ.

ގްރޭޑް 1ގެ ދަރިވަރުން ކިޔެވުމަށް މިހާރު ބޭނުންކުރާ ގުރުއާން ފޮތުގައި އޮޅިފައިވާ ދެ ސޫރަތަކީ ނަބާ ސޫރަތާއި ނަޒިއާތު ސޫރަތެވެ. ސޫރަތުލް ނަބާގެ 24 ވަނަ އާޔަތުގެ މެދު ތެރެއިން ވަނީ ނާޒިއާތު ސޫރަތުގެ އާޔަތްތަކެއް ވަދެ އޮޅިފައެވެ. އެގޮތުން ނަބާގެ 24 ވަނަ އާޔަތުން ފެށިގެން ނަބާ ސޫރަތުގެ 31 ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއާތު ސޫރަތުގެ 8 ވަނަ އާޔަތުން 14 ވަނަ އާޔަތެވެ.

މި ކަމާ ގުޅިގެން އެ ފޮތްތަކުގެ އެ ސޮފްހާތަކަށް ބަދަލުގެންނަން މަސައްކަތް ކުރާ ކަމަށާއި ބަދަލު ގެނައުމުގައި ކަން ކުރާނެ ގޮތް ބެލެނިވެރިންނާ ހިއްސާ ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.