މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު މޭލާގައި ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ތަހުގީގަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބަޔާނެއް ނަގަން ޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ބަޔާނެއް ނެގުމާ ގުޅޭ ގޮތުން ފުލުހުން ޕީޖީއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ނަޝީދު ވިދާޅުވީ، މިއީ އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލޭ ކަމެއް ނޫން ކަމަށާއި އެހެންކަމުން އެމަނިކުފާނުގެ ބަޔާނެއް ނަގަން ޖެހޭ ސަބަބެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ފުލުހުން މި މައްސަލައިގައި ޔޫކޭގެ އިދާރާތަކާ މަޝްވަރާ ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ބަޔާނެއް ނެގުމަށް ބަޔަކު އަންނަން ޖެހޭ ސަބަބެއް ނުފެނޭ. މިއީ އަޅުގަނޑުގެ މައްޗަށް އުފުލޭ ދައުވާއެއް ނޫން. އެހެނަސް ރާއްޖޭގެ ފުލުހުން ޔޫކޭގެ އިދާރާތަކާ މަޝްވަރާ ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ދެކެން."
ރައީސް މުހައްމަދު ނަޝީދު

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް ގޮއްވާލީ ކަންމަތީގައި ޕާކްކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެކެވެ.

މި މައްސަލައިގައި މިހާތަނާށް 10 މީހަކު ހައްޔަރު ކޮށްފަިއވާ އިރު އޭގެތެރެެއިން 4 މީހަކަށް ދައުވާ ކޮށްފައި ވެއެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ދައުވާ ކުރަން ފޮނުވައިފައި ވާ ހަތަރު މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ. ފާތިހުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ދައުލަތުން ނިންމާފައި ވަނީ ދައުވާ ނުކުރުމަށެވެ. އޭނާ މިހާރު ހުރީ ދޫކޮށްލާފައެވެ.

މި ކަން ހާމަ ކުރަމުން ޕޮީޖީ ހުސައިން ޝަމީމް އޭރު ވަނީ ނަޝިީދުގެ ބަޔާނެއް މި ތަހުގީގަށް ވަރަށް މުހިއްމު ވާނެ ކަމަށް ވިދާޅުވެފައެވެ. ޕީޖީ މިހެން ވިދާޅުވި އިރު ނަޝީދުގެ ބަޔާން ނަގަން ފުލުހުން މަސައްކަތް ކުރި ނަމަވެސް އެމަނިކުފާނު ބަޔާން ދެއްވާފައެއް ނުވެއެވެ. އެގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކޮއްކޯފުޅު ނާޒިމް އަބްދުލްސައްތާރު ސިޓީއެއް މެދުވެރިކޮށް ޕީޖީ އޮފީހަށް ވަނީ ނަޝީދު ބަޔާން ދެއްވަން ތައްޔާރަށް ހުންނެވިކަމަށް އަންގަވާފައެވެ.