ލިލްމާސް ކުންފުނީގެ ދަށުން މާލޭގައި ހިންގާ މަނީ އެކްސްޗޭންޖް ފިހާރައަކުން ވިޔަފާރި ނިންމުމަށް ފަހު ގެއަށް ގެންދަން ހިފައިގެން ދިޔަ 1.4 މިލިއަން ރުފިޔާ ފޭރިގެން މައްސަލައިގައި ޒުވާނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މިދިޔަ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި މާލޭގެ ހެންވޭރު ދަނޑު ކައިރިން ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދިޔަ މީހެއްގެ އަތުން އެ ފައިސާ ފޭރިގެންފައި ވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާ ކަމަށެވެ. މި މައްސަލައިގައި ފޭރިގެންފައިވާ ފައިސާގެ އަދަދު ފުލުހުން ހާމައެއް ނުކުރެއެވެ.

ނަމަވެސް މައްސަލައިގައި މިހާރު 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެމީހާ ހައްޔަރު ކޮށްފައި ވަނީ އިއްޔެއެވެ. އަދި މިއަދު އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުނެއެވެ.

ރާއްޖޭގައި ހިންގާ ދުވަހު ނޫހެއް ކަމަށްވާ "މިހާރު" ނޫހުން ބުނާ ގޮތުގައި ފޭރިފައިވާ ފައިސާގެ ތެރޭގައި 900،000 ރުފިޔާ އަދި 25،200 އަށް ވުރެ ގިނަ ޑޮލަރު ހިމެނެވެ. އަދި އެހާ ގިނަ ފައިސާ ހިފައިގެން އެ ވަގުތު ދިޔައީ ވިޔަފާރި ނިންމާލުމަށް ފަހު އެ ވިޔަފާރި ހިންގާ ވެރިފަރާތުގެ ގެއަށް ހަވާލު ކުރަން ކަމަށް ވެސް އެ ނޫހަށް މައުލޫމާތު ދިން މީހާއާ ހަވާލާދީ ބުނެފައި ވެއެވެ.