ޅ. ނައިފަރުގެ ގެއަކަށް މި މަހު 4 ލައްކަ ރުފިޔާގެ ކަރަންޓު ބިލެއް ފޮނުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޅ. ނައިފަރު މަލަ ގެއަށް މި މަހު ފެނަކައިން ފޮނުވި ކަރަންޓު ބިލުގެ ސްކްރީން ޝޮޓްތަކެއް ދަނީ ސޯޝަލް މިޑިއާގައި ދައުރުވަމުންނެވެ. އެގޭގެ މަސްއޫލުވެރި ފަރާތް ކަމަށް ވާ އިބްރާހިމް ހަސަން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، އެއީ މި މަހު އެގެއަށް ފޮނުވި ކަރަންޓް ބިލުގެ ޕޮޓޯތަކެއް ކަމަށެވެ.

އެހާ ބޮޑު އަދަދެއް މި މަހުގެ ބިލަށް އަރާފައި އޮތުމުން އޭނާ ބުނީ، އާންމުކޮށް އެގޭގެ ކަރަންޓަށް އަރާނީ 1000 ރުފިޔާ ނުވަތަ 1200 ރުފިޔާ ކަަމަށެވެ. އެއަށް ވުރެ އެގޭގެ ކަރަންޓު ބިލް ބޮޑު ނުވާނެ ކަމަށް އޭނާ ބުނެއެވެ. އެގޭގައި އާމްދަނީ ހޯދާ ދެމީހުން ތިބޭ އިރު އެވަރުގެ ބޮޑު ބިލެއް އެއާއިލާއަށް ނުދެއްކޭނެ ކަމަށް ވެސް އިބްރާހިމް ބުނެއެވެ. އަދި އެ ބިލު ބޮޑުވާން ޖެހުނީ ކީއްވެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އިބްރާހިމް ބުނެއެވެ.

އެހެން މަސްތަކާ ހިލާފަށް މިދިޔަ މަހު އެގޭގައި މަރާމާތުގެ މަސައްކަތެއް ކޮށްފައިވާ ކަމަށް އިބްރާހިމް ބުނެއެވެ. އެގޮތުން ގޭގައި ތަށިމުށި ޖެހި ކަމަށް އޭނާ ބުނެއެވެ. އެ މަސައްކަތް ކުރީ ދެ ތިން ދުވަހަކު ކަމަށާއި އެ ކަމަށް ބޭނުން ކުރި އިލެކްޓްރޯނިކް އެއްޗަކީ ތަށިމުށި ކަފާ މެޝިނެއް ކަމަށް އޭނާ ބުނެއެވެ.

ޅ. ނައިފަރު ގެއަކަށް ފެނަކައިން ފޮނުވާފައިވާ 4 ލައްކައިގެ ކަރަންޓު ބިލް

އެ މަސައްކަތަށް މެޝިން ބޭނުން ކުރި އިރު ބިލަށް އިތުރުވާނެ ކަމަށް ބެލެވެނީ 200 ނުވަތަ 300 ރުފިޔާ ކަމަށް ވެސް އިބްޜާހިމް ބުނެއެވެ. ދެތިން ދުވަހަކު ގޭގެ މަރާމާތަށް ކުރި މަސައްކަތަށް 4 ލައްކައިގެ ބިލެއް ދައްކަން ޖެހުމަކީ ގަބޫލު ކުރަން ދަތި ކަމެއް ކަމަށް އިބްރާހިމް ބުނެއެވެ.

އެހާ ބޮޑު ބިލެއް މި މަހު ފެނަކައިން އެގެއަށް ފޮނުވާފައި އޮތުމުން އެ އާއިލާ ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައެވެ. މި މަހުގެ ބިލަށް ޖުމްލަ އަރާފއިވާ އަދަދަކީ 422،339.13 އެވެ. އަދި ފިއުލް ޑިސްކައުންޓުގެ ގޮތުގައި 11975.40 ކެނޑުމަށް ފަހު ބިލަށް ދައްކަންޖެހޭ ޖުމްލަ އަދަދަކީ 410،381.71 ރުފިޔާ ކަމަށް އެ ބިލުން ދައްކައެވެ.

މިހާ ބޮޑު ބިލެއް ތައްޔާރުކޮށް ފޮނުވި އިރު އެހެެން މަސްތަކުގެ ބިލާ އަޅާ ކިޔާ އިރު ބޮޑު އަދަދެއްކަން އެނގި އެކަން ބަލައި ތަހުގީގު ނުކޮށް ބިލު ތައްޔާރު ކޮށް އެ ގެއަށް ފޮނުވާފައި އޮތުމުން އާންމުންގެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެއް ބަޔަކު ބުނާ ގޮތުގައި މިއީ "ރައްޔިތުން ފެލަން" ކުރާ ކަމެކެވެ. އަނެއް ބަޔަކު ބުނަނީ ކަރަންޓު ބިލު އެހާ މައްޗަށް ދާން ޖެހުނު ސަބަބެއް އޮޅުން ފިލުވާލުން ރަނގަޅު ވާނެ ކަމަށެވެ.

ކަރަންޓާ ގުޅޭ މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި ތަށި މުށި ކީހަން ގެންގުޅޭ ފަދަ މެޝިނެއް ދެތިން ދުވަހު ބޭނުން ކޮށްގެން އެހާ ބޮޑު އެއްޗެއް އަރައިގެން ނުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ޅ. ނައިފަރުގައި ހިންގާ ފެނަކަ ގޮފީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.