އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް ވާދަ ނުކުރެވޭ ގޮތަށް ނިންމޭނީ، އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހުތަކެއް ގެނެސްގެން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އީސީން މިހެން ބުނެފައި ވަނީ މަހްލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ބުނުމުން އެ މައްސަލަ އޭނާ އީސީއަށް ހުށަހެޅުއްވުމުންނެވެ. މަހްލޫފް މި މައްސަލަ އީސީއަށް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަހްލޫފް ވާދަކުރަން ހުށަހަޅުއްވާފައި ވަނިކޮށް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުން ހުރި މައްސަލައެއް މަހްލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ އެ މައްސަލަ ބަލަމުން ދާތީ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
މަހްލޫފް ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު އެމްޑީޕީއަށް އީސީން ފޮނުވި ސިޓީގައި ބުނެފައި ވަނީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ މެންބަރަކަށް ވަކި ޝަރުތުތަކެއް ކަނޑައަޅާ ނަމަ އެ މަގާމަށް މީހުން އިންތިހާބު ކުރާނެ ގޮތުގެ އުސޫލެއް ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އާ ޝަރުތުތަކެއް ކަނޑައަޅާ ނަމަ، އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހު ކޮށްގެން އެކަން ކުރަން ޖެހޭނެ ކަމަށް އީސީން ބުނެއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް ހުޅުވާލާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. މަހުލޫފް ވާދަކުރައްވަން ނިންމެވީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.
މި އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތު ހަމަވާ ކެންޑިޑޭޓުން ބެލުމަށް ފަހު ކަމާ ގުޅޭ މުއައްސަސާތަކަށް އެ ކެންޑިޑޭޓުންގެ ލިސްޓު ވަނީ އެމްޑީޕީން ފޮނުވާފައެވެ. މަހްލޫފަށް ފޮނުވި ސީޓިގައި ބުނެފައި ވަނީ އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ލިސްޓު ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވި އިރު، އޭރު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަހުމަދު މަހުލޫފްގެ މައްސަލައެއް ބަލަމުންދާ ކަމަށް އަންގާފައި ވާތީ، އެ އިންތިހާބަށް މަހުލޫފް ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން މަހްލޫފް ވިދާޅުވެފައި ވަނީ ހުރިހާ އިންތިހާބަކަށް ވެސް ޝަރުތު ހަމަވާ ކަމަށާއި އެ ޕާޓީގެ ނިންމުން މުރާޖާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މަހުލޫފުގެެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވެސް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީޏް ވަނީ އަންގާފައެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރުމުން އިންތިހާބުގައި އޭނާ އަށް ވާދަ ކުރެވޭނެ ކަމަށް ފަހުން ވަނީ ނިންމާފައެވެ.