ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އުޅެނިކޮށް އަފްގާނިސްތާނުން ހައްޔަރު ކުރި ދިވެހި އާއިލާ މިނިވަން ވެއްޖެއެވެ.

އަފްގާނިސްތާނުން ހައްޔަރު ކުރީ އަލީ ޝަފީއު، ހ. މޫންލައިޓްވެލީ ގެ އިތުރުން އޭނާގެ އަންހެނުންނާއި އެ ދެމަފިރިންގެ ހަތަރު ކުދިންނެވެ. އެމީހުން ދޫކޮށްލާފައިވާ ކަން ކަށަވަރުވެފައިވާ ކަމަށް އާއިލާ އާ ހަވާލާދީ "އަވަސް" އިން ވަނީ ރިޕޯޓު ކޮށްފައެވެ.

ޝަފީއުގެ އާއިލާއާ ހަވާލާދީ އެ ނޫހުން ބުނީ ތާލިބާނުން އެ މީހުން މިނިވަންކޮށްފައިވާ ކަމަށާއި އަދި ޝަފީއު ގުޅާފައި އާއިލާއަށް އެކަން އަންގާފައިވާ ކަަމަށެވެ. އަދި އެ މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް އާއިލާއާ ހަވާލާދީ އެ ނޫހުން ބުނެއެވެ.

ފުލުހުން ބުނެފައި ވަނީ އެ ދެމަފިރިންނާއި 4 ދަރިން އަފްގާނިސްތާނުގެ ނަންގަހާރު ޕްރޮވިންސުން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ނޮވެންބަރު 18، 2018 ވަނަ ދުވަހު ލިބިފަިއވާ ކަމަށެވެ. ނަމަވެސް އޭގެ ކުރިން އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައުލޫމާތު ލިބުމާއެކު އަފްގާނިސްތާނުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޓީމެއް 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހު ތެރޭގައި އަފްގާނިސްތާނަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި ކަންކަމާ ގުޅޭ ތަފްސީލުތައް ޑިސެންބަރު 3، 2019 ވަނަ ދުވަހު ނެރުނު ނޫސްބާޔާނެއްގައި ފުލުހުން ވަނީ އާންމުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެ ދެމަފިރިންގެ މައްޗަށް އަފްގާނިސްތާނުގެ ކަމާބެހޭ އިދާރާއިން އުފުލާފައިވާ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އެގައުމުގެ ކޯޓުން ހުކުމްކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ކުރިން ފުލުހުން ވަނީ އާންމުކޮށްފައެވެ. އޭނާގެ މައްޗަށް ޝަރީއަތް ކުރެވި، ޓެރަރިޒަމްގެ ކުށް ސާބިތުވެ، 21 އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައެވެ.