ކްލިނިކްތަކަށް ދައްކާ ފަރާތްތަކަށް އާސަންދަ ވިނަވި ޕޯޓަލްގައި އަޕްލޯޑް ނުކުރާ ރިކުއެސްޓް ތަކަށް އާސަންދަ ހިދުމަތް ދެވޭނީ އައިޖީއެމްއެޗްގެ ޖެނެރަލް އޯޕީޑީއަށް ދައްކައިގެން ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.
އައިޖީއެމްޗުން މިއަދު ވަނީ އާސަންދަ ޕޯޓަލްގައި ނުހިމަނާ ރިކުއެސްޓު ތަކަށް އަމަލު ކުރާ އުސޫލަށް ބަދަލެއް ގެނެސްފައެވެ. މި އުސޫލަށް ބަދަލު ގެނެސްފައި ވަނީ، އާސަންދަ ހަމަޖެހިފައިވާ ހޮސްޕިޓަލުތަކާއި ކްލިނިކް ތަކުން އާސަންދަ ވިނަވި ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓްތައް ފޮނުވަމުން ނުދާތީ އެ ހޮސްޕިޓަލުގައި މީހުން އިތުރުވާ މައްސަލައަށް ހައްލު ހޯދުމަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އެގޮތުން ކްލިނިކްތަކުން އަންނަ ރިކުއެސްޓް ތަކުގެ ތެރެއިން އާސަންދަ ވިނަވި ޕޯޓަލް މެދުވެރިކޮށް ދޫކޮށްފައި ނުވާ ރިކުއެސްޓް ތަކުގެ ހިދުމަތް ދޭނީ އައިޖީއެމްއެޗްގެ ޖެނެރަލް އޯޕީޑީއަށް ދެއްކުމަށް ފަހު އައިޖީއެމްއެޗްގެ ރިކުއެސްޓެއްގެ ގޮތަށް ބަދަލު ކޮށް ޕޯޓަލްއަށް އަޕްލޯޑު ކުރުމަށް ފަހު ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި ޓެސްޓު ހެދުމަށް ކަނޑައަޅާފައިވާ ޑިޕާޓްމަންޓަކުން ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ނުވަތަ މެމޯ އެ ކައުންޓަރުން ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
މިހާރު އާސަންދަ ހިދުމަތް ދޭ ކްލިނިކް ތަކުން ވެސް ރިކުއެސްޓް ދޭ އިރު ވިނަވި ޕޯޓަލްގައި ނުހިމަނާ ރިކުއެސްޓް ދިނުމަކީ ޑިޕާޓްމަންޓެއްގެ ކަންތައްތަކަށް ބަލި މީހާ ހޭދަ ކުރާ ވަގުތު ދިގުވެގެން ދާ މައްސަލައެއް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މިގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ހިދުމަތް ފޯރުކޮށް ދިނުމުގައި ވެސް ލަސްތަކެއް ދިމާވާ ކަމަށާއި ހޮސްޕިޓަލުގައި މީހުން ގިނަވުމަކީ ފާހަގަ ކުރެވޭ މައްސަލަަތައް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އެހެންކަމުން ކްލިނިކްތަކުން ޑޮކްޓަރަށް ދެއްކުމަށް ފަހު އައިޖީއެމްއެޗަށް އަންނަ ފަރާތްތަށް ވެސް ޑޮކްޓަރުގެ ރިކުއެސްޓްތަކަކީ އާސަންދައިގެ ވިނަވި މެދުވެރިކޮށް ދޫކުރެވިފައިވާ ރިކުއެސްޓެއް ތޯ ބަލާ ޗެކް ކުރުމަށް ސަމާލުކަން ދިނުމަށް އެ ހޮސްޕިޓަލުން އިލްތިމާސް ކުރެއެވެ.