ވޭތުވެދިޔަ 86 އަހަރުގެ ތެރޭގައި ނުކުރެވޭ ފަދަ ބޮޑެތި މަސައްކަތްތައް ފުލުހުންގެ ހިދުމަތް ތަރައްގީ ކުރަން މި ސަރުކާރުން ކުރަމުން ގެންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ނ. މަނަދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމަށް މިއަދު މަނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އިމްރާން ވިދާޅުވީ، މި ސަރުކާރުން ދަނީ ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ހާއްސަކޮށް އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ފުރިހަމަކޮށް ދެވޭ ހިދުމަތް އިތުރު ކުރުމަށްޓަކައި، ވަރަށް ގިނަ ކަންކަން ރޭވި, ކުރަމުން ގެންދަވާ ކަމަށް އިމްރާން ވިދާޅުވިއެވެ. މިއަދު އަތޮޅުތެރޭގެ 52 ރަށަށް ވުރެ ގިނަ ރަށުގައި ސްޓޭޝަންތައް އެޅުމަށް ތައްޔާރުވަމުންދާ ދިއުމަކީ އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން ކުރާ ވަރަށް ބޮޑު މަސައްކަތެއް ކަން އިމްރާން ފާހަގަ ކުރެއްވިއެވެ.

"ފުލުހުންގެ އާ ގާނޫނެއް ވުޖޫދުކުރެވިއްޖެ. އޭގެދަށުން ގާނޫނުތައް ހެދިއްޖެ. އަތޮޅުތެރޭގައި ފުލުހުން އިންތިޒާމްވާ ގޮތް އިތުރަށް ތަރުތީބު ކުރެވިއްޖެ. ފުލުހުންނަށް ފުރިހަމަ ތައުލީމާއި ތަމްރީން ލިބިގެންދާނެ ގޮތުގެ މަސައްކަތްތައް އިތުރަށް އަމުނާ އެކުލެވި ހަރުދަނާ ނިޒާމެއްގެ ތެރެއަށް ފައްތާ, ފުރިހަމަކުރުމުގެ މަސައްކަތް މިދަނީ ކުރަމުން"
މިނިސްޓަރު އިމްރާން

5 ރީޖަންގައި ފުލުހުންގެ ހިދުމަތް ދިނުމަކީ ރައްޔިތުންގެ އަމާން ކަމާއި ރައްކާތެރިކަން, އަދި އިގްތިސޯދީ ދުވެލި ހަލުވި ކުރުމަށް ކުރެވޭ މަސައްކަތްތައް ހިމާޔަތް ކުރުމަށް ދެވޭ ވަރަށް ބޮޑު ހިދުމަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން އެންމެ ލޯބިވާ، އެންމެ އިތުބާރު ކުރާ، އިހުތިރާމް ކުރާ, އަދި އެ މުއައްސަސާގެ ފަރާތުން ރައްޔިތުންނަށް އަމާން ކަމާއި ރައްކާތެރިކަން ކަށަވަރުވެގެންދާ މުއައްސާ ކަމުގައި ވެގެންދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ދިވެހިން ފުލުހުންގެ މުއައްސަސާ މަދަނީ ފުލުހުންގެ ހިދުމަތަކަށް ބަދަލުވިތާ 17 އަހަރު ފުރޭ މުނާސަބަތަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ މިއަދަކީ ފުލުހުންގެ ހިދުމަތުގައި ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. ސިފައިންގެ ނުވަތަ އަސްކަރީ ފުލުހުންގެ ހިދުމަތުން މަދަނީ ފުލުހުންގެ ހިދުމަތަކަށް ބަދަލު ވިތާ 17 އަހަރު ފުރޭ އިރު އަމާޒު ހިފަނީ 21 ވަނަ ގަރުނުގައި ރައްޔިތުން އެދޭ ފަދަ ހިދުމަތެއް ފޯރުކޮށްދީ ރައްޔިތުންގެ އިތުބާރާއި, ޔަގީން ކަން ލިބި ރައްޔިތުންގެ ލޯބި ލިބިގެންވާ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެއްދެވުމަށް ކަމަށް އިމްރާން ވިދާޅުވިއެވެ. މި މަގުން ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު މިއަދު ލޮބުވެތި ރައްޔިތުންގެ ކިބައިން އެދެން ބޭނުންވާ އެއްކަމަކީ، އެންމެ އޮފިސަރަކު ނުވަތަ ދެ އޮފިސަރަކު ކުރާކަމަކުން މުޅި މުއައްސަސާ ބަދުނާމްވެ, މުއައްސަސާގެ ރީތިނަން ގެއްލިގެންދާ އެއްވެސް ކަމެއް ނުކުރުމަށް. ދިވެހި ފުލުހުންނަކީ ވެސް ދިވެހިންގެ ތެރޭގައި، ދިވެހިންގެ ކިބައިން ދިވެހި އާއިލާތަކުން އުފެދިފައިވާ މުއައްސަސާއެއް. އެހެންކަމުން ދިވެހިންގެ ތެރޭގައި ހުރި ބައެއް ކަހަލަ އާދަތަކާއި، ބައެއް ކަހަލަ ސިފަތައް މުއައްސަސާގައި ދެވޭ ތަމްރީނުތަކާއި, ދެވޭ ހުނަރުތަކުން ވެސް ކެނޑިގެން ނުދާ އޮފިސަރަކު ފަހަރުގައި ހުރެދާނެ."
މިނިސްޓަރު އިމްރާން

ފުލުހުންގެ ރޭންކްތަކަށް ކުރިއަށް ވުރެ ބޮޑަށް ބަދަލުތައް ގެނެވި، މަސައްކަތް ކުރުމުގައި ޗޭން އޮފް ކޮމާންޑަށް އިތުރަށް ހަރުދަނާ ކަން ލިބިގެންދާނެ ގޮތަށް ތަރުތީބު ކުރެވިފައިވާ ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ފުލުހުން ރައްޔިތުންނަށް ޖަވާބުދާރީ ވާނެ ނުވަތަ ދައުލަތަށް ޖަވާބުދާރީ ކުރެވޭނެ ރަނގަޅު ނިޒާމާއި އޮނިގަނޑުތައް އެކުލެވިގެން ހިނގައްޖެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ ވެސް ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ ރައްޔިތުންނާ އެކުގައި މަސައްކަތް ކުރަން ޖެހޭ މުއައްސަސާއެއް ކަމަށް ސަރުކާރުން ގަބޫލުކުރާތީ އެގޮތަށް މުއައްސަސާ ބައްޓަން ކުރުމުގެ މުހިއްމު މަސައްކަތްތަކެއް ވެސް ކުރެވިފައިވާ ކަމަށެވެ.

ފުލުހުންގެ މުއައްސަސާ ކުރިއަރައިގެން ދިއުމަކީ ހުރިހާ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ މުއައްސަސާއެއްކަމަށެވެ. އެކަން އެގޮތުގައި ދެނެތިބެގެން ޤަބޫލުކޮށްގެން ފުލުހުންގެ މުއައްސަސާ އަބަދުވެސް ފަޚުރުވެރިކަމާއެކު ދެމިއޮންނަ ގޮތަށް މުއައްސަސާއަށް ރީތިނަން ލިބޭގޮތަށް ރައްޔިތުން މަސައްކަތްކޮށްދިނުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.