ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާފައި އޮތް ގޮތަށް ބަދަލު ގެންނައުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަސައްކަތް ފައްޓަވައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް ފެށުން ލަސްވެފައިވާ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އަދި ބަދަލު ގެންނަނީ ކޮން ވަގުތަކު ކަމެއް ސީދާ ބުނަން އެނގިވަޑައި ނުގަންނަވާ ކަމަށާއި މި ދައުރުގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ދެން މުއްދަތެއް އަޅުގަނޑަށް މިހެން ހުރެފައި ބުނާކަށް ނޭނގޭ. އެކަމަކު އެއީ ހަމަގައިމުވެސް މިދައުރުގެ ތެރޭގައި ކޮށް ނިންމާނެ ކަމެއް. ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ގެންނަން ޖެހޭ ބަދަލު ގެންނާނެ،"
މަބްރޫކް

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ޖޭއެސްސީއަށް ބަދަލު ގެންނާނީ އެންމެންނަށް އިތުބާރު ހިފޭ ގޮތަކަށް ކަމަށާއި އެ ބަދަލު ގެނައުމަށް ގާނޫނީ ދާއިރާގެ ފަންނުވެރިންގެ ލަފާ ރައީސް ސޯލިހު ހޯއްދަވަމުން ގެންދަވާ ކަމަށެވެ. ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމަކީ ބޮޑު ކަމެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ބޭނުންވާ ނަމަ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 158 ވަނަ މާއްދާގައި ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ކޮމިޝަންގައި ހިމެނެނީ 10 މެންބަރުންނެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް ސޯލިހް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވައުދުވެވަޑައިގެންފައިވާ ކަމެކެވެ.