އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާން ޖަމާއަތް އެކަހެރިކޮށްގެން އިތުރު ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމުގެ އިންޒާރުކޮށް، އަފްގާނިސްތާނާ ގުޅިފައިވާ ސަލާމަތީ، އިޖުތިމާއީ އަދި އިގުތިސޯދީ މައްސަލަތަކަށް ރިއާޔަތް ކުރުމަށްޓަކާ، ތޯލިބާނުންނާއެކު މަސައްކަތް ކުރުމަށް، ދުނިޔޭގެ ގައުމުތަކަށް، ގަތަރުން ގޮވާލައިފިއެވެ.

ޖަރުމަނުވިލާތުގެ ހާރިޖީ ވަޒީރު ހެއިކޯ މާސްއެކު ދޯހާގައި ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގަތަރުގެ ހާރިޖީ ވަޒީރު ޝައިހް މުޙައްމަދު ޢަބްދުއްރަޙްމާން އަލް ސާނީ ވިދާޅުވީ، ޝަރުތުތަކެއް ކަނޑައަޅާ، ތޯލިބާނުންނާ ގުޅުން ކަނޑާލާނަމަ، އެ އުފެއްދެނީ ހުސްކަމެއް ކަމަށެވެ. އަދި އުފެދޭ ސުވާލަކީ، އެ އުފެދޭ ހުސްކަން ފޫބައްދާނީ ކޮން ބައެއްތޯ ކުރެވޭ ސުވާލު ކަމަށެވެ.

އެމެރިކާގެ އެކުވެރިއެއްގެ ގޮތުގައި އޮތް އަރަބި ގަލްފް ގައުމެއް ކަމަށް ވާ ގަތަރަކީ، ތޯލިބާނުންނާ ގުޅޭ މަޝްވަރާތަކުގެ މުހިންމު ބައިވެރިއެކެވެ. 2013 ވަނަ އަހަރުން ފަށައިގެން، ތޯލިބާނުންގެ ސިޔާސީ އޮފީސްވެސް ހިންގާފައި ވަނީ ގަތަރުގައެވެ.

އޯގަސްޓް 15، 2021 ވަނަ ދުވަހު، ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާ އެ ގައުމުގެ މައި ސަރުކާރު "ވައްޓާލި" ފަހުން، އެއްވެސް ގައުމަކުން އަދި މިހާތަނަކަށް، ތޯލިބާނުންގެ ވެރިކަން ނުވަތަ "ސަރުކާރު" ބަލައިގަތް ކަން، ރަސްމީ ސިފައެއްގައި ހާމަ ކޮށްފައެއް ނުވެއެވެ. ހުޅަނގުގެ ގިނަ ގައުމުތަކަކުން ދަނީ، ހުރިހާ ފަރާތެއްގެ ބައިވެރިވުމާއި ޝާމިލުވުން އެކުލެވޭ ސަރުކާރެއް އެކުލަވާލުމަށް ތޯލިބާނުންނަށް ގޮވާލަމުންނެވެ. އަދި އެ ސަރުކާރަކީ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާ ސަރުކާރަކަށް ވާންޖެހޭ ކަމަށްވެސް ހުޅަނގުން ދަނީ ބުނަމުންނެވެ.

ގަތަރުގެ ހާރިޖީ ވަޒީރު ޝައިހު މުޙައްމަދު ވިދާޅުވީ، ތޯލިބާނުންނާ ޝާމިލުވުމެއް ނެތި، ސަލާމަތާއި، އިޖުތިމާއީ އަދި އިގުތިސޯދީ ކަންކަމުގައި ހަގީގީ ކުރިއެރުން ހޯދޭނެ ގޮތެއް ނެތް ކަމަށެވެ. ނަމަވެސް، ތޯލިބާނުންގެ ސަރުކާރު ބަލައިގަތުމަކީ ހާއްސަ ސަމާލުކަމެއް ދޭ ކަންތައް ނޫން ކަންވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލްގައި ތިބި ތޯލިބާނުންނާއި ގަތަރާ ދެމެދު އެންމެ ފަހުން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް އިޝާރާތް ކުރައްވަމުން ވަޒީރު ވަނީ، އެދެވޭ އަދި ނޭދެވޭ އިޖާބައެއްވެސް ތޯލިބާނުންގެ ފަރާތުން ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު، ތޯލިބާނުން ދަނީ، އެއީ މިހާރު ބަދަލުވެފައި ވާ ޖަމާއަތެއް ކަމަށާ، ތޯލިބާނުންގެ ވެރިކަމެއްގައި އިންސާނީ ހައްގުތައް ނަގަހައްޓާނެ ކަމަށް އިޝާރާތް ކުރަމުންނެވެ. ނަމަވެސް ތޯލިބާނުން ބަދަލުވެދާނެ ކަމަށް ގަބޫލުކޮށް، ފުރުސަތު ދިނުމަކީ، ހެދޭ ގޯހަކަށް ވެދާނެ ކަމަށް، ބައިނަލްއަގުވާމީ މުޖުތަމައުގެ އަގުލަބިއްޔަތު، އިއްތިފާގުވެއެވެ.