މި ފެށޭ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަގުމައްޗަށް ކުނި ނުނެރުމަށާއި ވެމްކޯ މުވައްޒަފުން ގޭބިސީގެ އެންމެ ތިރީ ބުރިން ކުނި ނަގާ ގޮތަށް ނިންމާފައިވާ ކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން ބުނީ، މިގޮތަށް ނިންމީ މާލެ ސިޓީ ކައުންސިލުން މާލެ މަގުމަތީގައި ކުނި ބެހެއްޓުން މަނާ ކުރުމާ ގުޅިގެން ކަމަށެވެ. އެހެންކަމުން މި މަހުގެ 15 އިން ފެށިގެން ކުނި ނެގުމަށް ބަދަލު ގެންނަ ކަން އާންމުކޮށް އިއުލާން ކުރާ ކަަމަށް ވެމްކޯއިން ބުނެއެވެ.

މި މަހުގެ 15 އިން ފެށިގެން ކުނި ނެގުމުގައި އަަމަލު ކުރާނެ ގޮތުގެ ތަފްސީލް ވެމްކޯއިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ކުނި ނެރެފައި ބަހައްޓާނީ އިމާރާތުގެ އެތެރެއިން އެންމެ ތިރީ ބުރީގައި ކަމަށާއި ކަސްޓަމަރުން ކުނި ނެރެންވާނީ އިރުއޮއްސި 6 އަކާއި 7 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން ކުނި ބަލާ ދާ ވަގުތު ފަސޭހައިން ގެއަށް ވަދެ ކުނި ނެގޭނެ އިންތިޒާމް ހަމަޖައްސާދީފައި ބެހެއްޓުމަށް އެދޭ ކަމަށާއި ކުނި ނަގަން އެއްވެސް ފަންގިފިލާއަަކަށް ވެމްކޯގެ މުވައްޒަފުން ނާރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ވެމްކޯގެ މުވައްޒަފުން ކުނި ބަލާ ދާނީ ރޭގަނޑު 8 އިން 11 އާ ދެމެދުގެ ވަގުތެއްގައި ކަމަށާއި ކުނި ނަގަން ގޭގެއަށް ވަންނާނީ ހަމައެކަނި ރަޖިސްޓާ ކޮށްފައިވާ ގޭބިސީތަކަށް ކަމަށް ވެމްކޯއިން ބުނެއެވެ.

މީގެ އިތުރުން ވެމްކޯއިން ބުނީ ކުނި ބަހައްޓާ އިރު ވީހާވެސް ރަނގަޅަށް ކުނި ބަނަދުކޮށްފައި ބެހެއްޓުމަށާއި ކުނި ނަގަން ރަޖިސްޓްރީ ނުވާ ގޭބިސީތަކުން އަވަހަށް ރަޖިސްޓާ ވުމަށް އެދޭ ކަމަށެވެ.