މިދިޔަ އޮކްޓޯބަރު މަހުގައި ކަނޑުމަގުން އައްޑޫއަށް އެތެރެކުރަނިކޮށް އަތުލައިގަން 98 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފައި ތިއްބައި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި ދެ މީހުން އަނެއްކާ ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި 10 މީހަކަށް ދައުވާ ކޮށްފައިވާ އިރު އޭގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައި ވަނީ ކޮވިޑް-19ގެ ސަބަބުން އެމީހުން ކޯޓަށް ހާޒިރުކުރެވެން ނެތްކަމަށް ކަރެކްޝަނަލް ސާވިސް އިން އެންގުމުން މި މަހުގެ މެދުތެރޭގައެވެ. އެ ދެ މީހުންގެ ބަންދު މުރާޖައާ ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހިތަދޫ ކޯޓުން ނިންމާފައިވަނީ ބޭސްފަރުވާގެ ކަންކަން ބެލުމަށާއި، އެ ދެ މީހުން ކޯޓަށް ހާޒިރު ނުކުރެވޭ ފަދަ ސިއްހީ ސަބަބެއް އޮޮތްތޯ ބެލުމަށް އެޗްއާރްސީއެމްގެ މައްޗަށް ކޯޓުން ނެރުނު އަމުރަށް އެ ކޮމިޝަނުން ތަބާވެފައި ނުވާ މައްސަލަ ބެލުމަށެވެ.
އެހެންކަމުން ދައުލަތުގެ ފަރާތުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ދައުލަތުން އެދިފައި ވަނީ އެ ދެމީހުން ދޫކޮށްލުމަށް ދަށު ކޯޓުން ނެރުނު އަމުރު ބާތިލުކޮށް އެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމުގެ އަމުރަކަށެވެ. އަދި ކޯޓު އަމުރަށް ނުކިޔަމަންތެރިވީ ކަމަށް ބުނެ އެޗްއާރްސީއެމްގެ މައްސަލަ ބަލަން ނިންމި ނިންމުން ވެސް ބާތިލުކޮށް ދިނުމަށް ވަނީ އެދިފައެވެ.
ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ ކޮވިޑްގެ ސަބަބުން އެމީހުން ކޯޓަށް ހާޒިރު ނުކުރެވުނު ނަމަވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އޭގެ ތެރެއިން އެކަކަށް ޑޮކްޓަރުގެ ލަފައާ އެކު ބޭސްފަރުވާގެ ހިދުމަތް ލިބެމުންދޭތޯ ކަށަވަރު ކުރުމަށް އެޗްއާރްސީއެމްގެ މައްޗަށް ދަށު ކޯޓުން އަމުރެއް ނެރުނެވެ. އެ މައްސަލައިގައި ދައުވާ ލިބޭ އިތުރު މީހަކު ކޮވިޑް-19 އާ ގުޅިގެން ކޯޓަށް ހާޒިރު ކުރެވެން ނެތް ކަމަށް ކަރެކްޝަނަލް ސާވިސް އިން އެންގިއެވެ.
ކޯޓުން ނެރުނު އަމުރަށް އެޗްއާރްސީއެމުން ކިޔަމަންތެރިނުވާ ކަމަށް ބުނެ ހިތަދޫ ކޯޓުން ވަނީ އެ ކޮމިޝަންގެ މައްސަލަ ބަލަން ނިންމި ނިންމުމަށް ހައިކޯޓުން ބުނެފައި ވަނީ ބަންދުގައި ތިބި ދެ މީހުން ދޫކޮށްލުމަށް ދަށު ކޯޓުން އަމުރުކޮށްފައި ވަނީ އެޗްއާރްސީއެމްގެ މައްޗަށް ނެރުނު އަމުރާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ، އެކަމަށް ޖަވާބުދާރީ ކުރުވުމަށް ކަމަަށް ބެލެވޭ ކަމަށެވެ. އެކަމަކު އެއްވެސް މުއައްސަސާއެއް ޖަވާބުދާރީ ކުރުވުމަށް ބަންދުގައި ހުރި މީހަކު ކޯޓުން ދޫކޮށް ނުލެވޭނެ ކަމަށް ހައިކޯޓުން ބުނެއެވެ. އަދި ބަންދުގައި ތިބި މީހުންގެ ހާލަތު ބެލުމަށް ނެރެފައިވާ އަމުރަކީ އެޗްއާރްސީއެމް އަށް ރައްދުވާ މައްސަލައެއް ކަމަށާއި، އެ ކޮމިޝަނުގެ މައްޗަށް އެފަދައިން ކޯޓު އަމުރެއް ނެރެވޭނީ އެ ކޮމިޝަނުން ބައިވެރިވާ މައްސަލައެއްގައި ކަމަށް ވެސް ހައިކޯޓުން ބުނެއެވެ
ދަށު ކޯޓުން އެޗްއާރްސީއެމްގެ މައްސަލަ ބަލަން ނިންމުމާ އެކު އެޗްއާރްސީއެމުން ވަނީ އެ މައްސަލަ ޖުޑިސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައެވެ.