ހުޅުމާލެގައި ޗައިނާ ޓައުން އޭ ކިޔާ ސަރަހައްދުގައި އަޅާފައިވާ ފްލެޓްތަކުގެ ތެރެއިން 147 ވަނަ ފްލެޓްގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ހުޅުމާލެ ފްލެޓް 147 ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ އަލިފާނުގެ 90 ޕަސެންޓް މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހުޅުމާލެ ފްލެޓް 147 ގައި ރޯވި އަލިފާން ކޮންޓްރޯލް ކުރަން ސިފައިން ހަރަކާތްތެރި ވަނީ

އެ ސަރަހައްދުގައި އުޅޭ މީހަކު 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، އަލިފާން ރޯވެ އަނދާފައި ވަނީ އެޕާޓްމަންޓްގައި ހުރި ކޮޓަރިއެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ކޮޓަރީގެ ކުޑަދޮރުން ބޭރަށް އަލިފާނުގެ ހުޅު ފެންނަން ހުރި ކަމަށާއި އެ ކުޑަދޮރުގެ ބިއްލޫރިތައް ވެސް ތަޅައިގެން ގޮސްފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އަލިފާން ރޯވެފައި ވަނީ އެ ފްލެޓްގެ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއް ގައެވެ.

އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 7:44 ހާއިރު ކަމަށެވެ. އަދި މިހާތަނަށް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އަލިފާން ރޯވި 2 ވަނަ ފަންގިފިލާގައި ހުރި ދެ އެޕާޓްމަންޓަށާއި 3 ވަނަ ފަންގިފިލާގައި ހުރި ދެ އެޕާޓްމަންޓަށް ވެސް ގެއްލުން ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.