ގައުމީ ސަލާމަތާއި ގުޅުން ހުރި ކަންކަމާއި ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ ހަރުކޮށްގެން ބެލުމާއި ދައްކާ ވާހަކަ އަޑު އަހައި މޮނިޓާ ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ގަވާއިދެއް ހަދައިފިއެވެ.

މި ގަވާއިދަކީ ފުލުހުންގެ ގާނޫނުގެ ދަށުން މިއަދު އާންމުކޮށް، އަމަލުކުރަން ފެށި ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުން ކުރުމުގެ ގަވާއިދެވެ. އެ ގަވާއިދު ބުނާ ގޮތުގައި ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމާއި ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބެލުމަށް އެ މީހުން ސިއްރުން މޮނީޓާ ކުރުމުގެ ބާރު ފުލުހުންނަށް ލިބޭނެއެވެ. އެގޮތުން ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ އާއި އެހެން ވެސް ވަސީލަތްތައް ހަރުކޮށްގެން އެ މީހުން ދައްކާ ވާހަކަ އަޑުއެހުމާއި ބެލުމުގެ ބާރު ފުލުހުންނަށް ލިބެއެވެ. ނަމަވެސް މިކަންކަން ފުލުހުންނަށް ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް އެ ގަވާއިދުގައި ބުނެއެވެ.

ހަމައެއާއެކު މުއާސަލާތީ ހުރިހާ ވަސީލަތްތަކެއް ބެލުމުގެ ބާރާއި ކުށް ކުރަނިކޮށް އަތުލައިގަތުމަށްޓަކައި ސްޓިން އޮޕަރޭޝަން ހިންގުމުގެ ބާރު ވެސް ފުލުހުންނަށް ލިބޭނެ ކަމަށް އެ ގަވާއިދުގައި ބުނެއެވެ. އަދި ތުހުމަތެއް ކުރެވޭ މީހަކާ ގުޅުމެއް އުފައްދައިގެން އޭނާއާ ސުވާލުކޮށް، މައުލޫމާތު ހޯދުން ވެސް މި ގަވާއިދުގައި ހިމެނެއެވެ. އަދި އެފަދަ ހާލަތްތަތަކުގައި ސުވާލު ކުރާ ފުލުސް މީހާ އެހެން މީހަކަށް ހެދިގެން މުއާމަލާތު ކުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެއެވެ. މޮނީޓާ ކުރުމާއި އޮޅުވާލައިގެން މުއާމަލާތު ކުރުމާއި ސްޓިންގް އޮޕަރޭޝަން ހިންގުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ އެއަށް ވުރެ މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ލިބިގެން އެކަން ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެއެވެ.

އަދި މި ގޮތަށް ހޯދާ ހެކިތައް ޝަރީއަތަށް ހުށހަހެޅޭނެ ކަމަށާއި ނަމަވެސް އެފަދަ ހެކިތައް ހުށަހަޅަން ޖެހޭނީ ހެކި ހޯދުމުގައި ހަރަކާތްތެރިވި މީހުން ހާމަ ނުވާނެ ފަދަ ގޮތަކަށް ކަމަށް އެ ގަވާއިދުގައި ބުނެއެވެ.

ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުން ކުރުމުގެ ގަވާއިދުގައި ބުނާ ގޮތުގައި އެފަދަ ބާރުތައް ބޭނުން ކުރުމުގައި ފުލުހުން އަމަލުކުރާ ގޮތް ބެލުމަށް ހާއްސަ ކޮމެޓީއަކަށް ހުށަހެޅޭނެއެވެ. އެގޮތުން މީހަކާ ދެކޮޅަށް އެފަދަ އޮޕަރޭޝަނެއް ހިންގާ ކަމަށް ޝައްކު ކުރެވޭ ނަމަ، އެ ކޮމެޓީއަށް އެ މީހަކަށް އެ ޝަކުވާ ހުށަހެޅިދާނެއެވެ. އަދި އެ ފުލުހުން އެ ބާރު ބޭނުން ކުރަނީ ގާނޫނާ އެއްގޮތަށް ކަން ނުވަތަ ނޫންކަން ނިންމުމާއި އޮޕަރޭޝަން ހުއްޓާލަން އެންގުމުގެ ބާރު ވެސް އެ ކޮމެޓީއަށް އޮންނާނެއެވެ.

މި ގަވައިދު އާންމު ކުރުމުގެ ކުރިން ފުލުހުންނަށް ތަހިގީގަށް ހެކި ހޯދުމަށް ކުރެވޭ ކަންކަމުގެ ތެރޭގައި ހިމެނެނީ ފޯން ކޯލްތައް އަޑުއެހުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށުގެ ތުހުމަތު ކުރެވޭ މީހުން ހެއްކާ އެކު އަތުލައިގަތުމަށްޓަކައި ހާއްސަ އޮޕަރޭޝަންތައް ހިންގުމެވެ.